ކޮޓަރި ތެރެއިން



ނިދާ ހިތެއް ނެތެވެ. ނިންޖެއް ނުވެސް އާދެ އެވެ. އެކަމަކު ވެސް އަހަރެން އެނދަށް އަރައި އޮތީ އެވެ. އޭރު ގަޑިން އެގާރަގަޑި ބައިވެއްޖެ އެވެ. ހެނދުނު ހޭލައިގެން ސްކޫލަށް ދާން ޖެހޭނެ އެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން އޮތީ ވަރިހަމަވެފަ އެވެ. އަހަރެންގެ ބޮލުގައި އުތުރު އަރަމުން ދިޔަ ޖަޒުބާތުތައް ކޮޅެއްގައި ނުޖެހެނީސް ދޫނުދިނުމަށެވެ.
ކޮޓަރި ތެރެއަށް ވެރިވެފައި އޮތީ މަޑު ރީނދޫ ކުލައިގެ ފަނޑުކަމެވެ. އަހަރެން އޮތީ ކަންނެޔޮގައި ނިކަން ގަދަ އަށް ބައްދައިގެންނެވެ. ފާރުގައި ޖެހިފައި ހުރި އެ އެނދުގެ ބިތާ ދިމާލަށް މޫނު ލައިގެންނެވެ. އެގޮތަށް އަހަރެން އޮންނަތާ ދެ ތިން ގަޑިއިރު ފަހުން މީހަކު އައިސް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފި އަޑު އިވުނެވެ. އަހަރެން ވަގުތުން ދެ ލޯ މަރާލީމެވެ. ނިދާ ކަމަށް ހެދިގަތީމެވެ. ލޯ މަރައިގެން ބިތާ ދިމާލަށް އެނބުރިގެން އޮތް ނަމަވެސް ކޮޓަރިއަށް ވަނީ ކާކުކަން އަހަންނަށް އެނގެ އެވެ. އެގަޑީގައި މި ކޮޓަރިއަކަށް ދެ ވަނަ މީހަކު ނުވަންނާނެކަން އަހަންނަށް ޔަގީނަށް އެނގެ އެވެ.
ކޮޓަރިއަށް އެމީހަކު ވަންތާ އިރުކޮޅެއް ވެއްޖެ އެވެ. އޭރު ވެސް އަހަރެން އޮތީ ބިތާ ދިމާލަށް އެނބުރި ކަންނެޔޮގައި ބައްދައިގެންނެވެ. އެކަމަކު ލޯ ހުޅުވައިގެންނެވެ. ނިކަން ރަނގަޅަށް ކަންފަތް ވެސް ހުޅުވައިގެންނެވެ. ހުޝިޔާރުވެގެންނެވެ. ދެން އިވުނީ އަހަރެން އޮތް އެނދާ ދިމާލަށް ފިޔަވަޅުތަކެއް އެޅި އަޑެވެ. އަހަރެން އަނެއްކާވެސް ވަގުތުން ދެ ލޯ މަރާލީމެވެ. ކޮޓަރި އަށް ވަން މީހާ އަހަރެންގެ އެނދާ ދިމާލަށް ގުދުވިކަން އިހްސާސްކުރެވުނެވެ. ފަހަރެއްގައި، އަހަރެން ނިދާފައި އޮތްތޯ ބަލާލީ އެވެ.

މަންތަރު

މިލަ ހަނދުވަރެއް ދީފައިވާ ރެއެކެވެ. ދޮވުނު އަންނައުނުތައް ހިފައިގެން އަހަރެން އެރީ ޓެރަސްއަށެވެ. އެއީ، ގޭގެ ދިހަ ވަނަ ބުރި އެވެ. އަހަރެންގެ އެޕާޓުމަންޓު ހުންނަނީ ނުވަ ވަނަ ބުރީގަ އެވެ. ހިއްކަން އަޅަން ހުންނަ އެއްޗެހި ގިނަކަމުން، އެ ވަށިގަނޑު އުފުއްލައިދޭނީ އަހަރެންގެ ފިރިމީހާ އެވެ. އެ ރޭ ވެސް ކަންތައް ވީ އެހެންނެވެ. ޓެރަސް އަށް އެރުމަށް ފަހު، އަހަރެން ވަނީ ހިޔާކޮށްފައި އޮންނަ ބަޔަށެވެ. ފިރިމީހާ ދިޔައީ އުނދޯއްޔަށެވެ. އުނދޯލި ހުންނަނީ ހިޔާ ނުކޮށް ހުރި ބައިގަ އެވެ. އަހަރެން އެއްޗެހި ހިއްކަން އަޅާއިރު، އެހެންޏާ ވެސް އޭނަ އުނދޯލީގައި އިނދެ އެވެ.
"ހިއްކަން އަޅާ ހަރެއް އަނެއްކާ ވެސް ގަންނަންވީ،" ހަރު ހުޅުވާލަމުން އަހަރެން ބުނީމެވެ. "މި އިން މިހާރު ދަބަރު ހިލިއްޖެ. ހުދު ގަމީހެއް ހިއްކަން އަޅަން މަ ބިރު ވެސް ގަނޭ."
"ހިނގާ މި ރޭ ނުކުންނަމާ!" ފިރިމީހާގެ އަޑު އިވުނެވެ.
އަހަރުމެން ދެ މީހުން ފިޔަވައި އެހެން މީހަކު، އެ ވަގުތަކު ޓެރަސްއަކު ނެތެވެ. ގައިމު ވެސް އަހަރެންގެ ލޮލަށް ފެންނަ ހިސާބަކު ނެތެވެ. އަހަރެންގެ ސުވާލަށް ޖަވާބު ދޭން ހުންނާނީ އަހަރެންގެ ފިރިމީހާ އެވެ. އޭނަގެ އަޑު އަހަންނަށް އިވެއެވެ. ވީއިރު، ފިރިމީހާ އަށް ކޮންމެ ފަހަރަކު ހަތަރު ކަޅި ހަމަކުރާކަށް އަހަރެންގެ ހިތަކަށް ނާރަ އެވެ.
"މި ރެއަކު ނުދެވޭނެ!" އަހަރެން ބުނީމެވެ. "ދެން ގޮސް ހަމަ ތަންޑާ ވާނީ."
"އެހެންވިއްޔާ މާދަމާ ދާނީ،" އަޑު އައި ގޮތުން ހީވީ، އުނދޯލިން ތެދުވެގެން ފިރިމީހާ ހިނގައިގަތް ހެންނެވެ. "މި ރޭ ހާދަހާ ހިތްގައިމު ރޯޅި އެބަ ޖެހެއޭ."
ޓެރަސްގައި ވަރަށް ބައިވަރު ގަސް ހައްދާފައި ހުރެއެވެ. އޭގެތެރޭގައި އަސުރުމަލާއި، އިރުދޭމަލާއި، ފިނިފެންމަލާއި، ކަނީރުމަލާއި އަދި ހުވަނދުމާ ވެސް ހިމެނެއެވެ. އެހެންނަމަވެސް، ފިރިމީހާ އަކީ އެ ގަސްތަކުގެ ތެރެއަށް ވަދެއުޅޭ މީހެއް ނޫނެވެ. ފަހަރެއްގައި، ދުވާލު، ހާލަކުން ފަހަރަކު ވަދެދާނެ އެވެ. ރޭގަނޑަކު ނުވަންނާނެ އެވެ.

ނަތީޖާ


މަދުރަސަތުލް އަހުމަދިއްޔާ އިން އަހަންނަށް ޖާގަ ލިބުނެވެ. ތައުލީމީ ގޮތުން އާދަޔާ ޚިލާފު ވަނަތަކެއް ހޯދާމުންދާ، އެ ފަދަ މަދުރަސާއަކަށް ވަދެވުނީތީ އަހަރެން ވަރަށް އުފާވި އެވެ. ހިތަށްއެރި އެވެ. ކުޑައިރުއްސުރެ އަހަރެން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި، އަނެއްކާ ވެސް އެއް ފިޔަވަޅު ކުރިޔަށް އެޅުނީ އެވެ. އަހަރެންގެ ރަށަކީ ދިއްގަރެވެ. މާލެ އަށް އައި ހަމަ އެކަނި ބޭނުމަކީ، މޮޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދުމެވެ. އަހަރެންގެ ހަގަށް ފަސް ކުދިން ރަށުގައި ތިއްބެވެ. އެ ކުދިންނަށް ކިޔަވައިދޭން މައިންބަފައިން ވަރަށް މަސައްކަތް ކުރެއެވެ. އެކަމަކު، ބުރަކޮށް މަސައްކަތް ކުރުމަކީ އެ މީހުންގެ ބަލި ހާލަތު ތަންދޭ ކަމެއް ނޫނެވެ. ކިތަންމެ ސިއްރުކުރަން މަސައްކަތް ކުރި ނަމަވެސް، އަހަންނަށް އެ ކަން އެނގެ އެވެ. އެ މީހުންނަށް ވާވަރު އެ މީހުން ކޮށްފި އެވެ. ވީއިރު، ބޮޑުދައިތަ ކައިރީގައި އަހަރެން ހުރެގެން، ވަޒީފާއަދާކޮށްފައި، ރަށަށް ފައިސާކޮޅެއް ފޮނުވިއްޖެ ނަމަ، ޢާއިލާ އަށް ކޮންމެ ވެސް ލުޔެއް ލިބޭނެ އެވެ. އަހަރެންގެ ހަޔާތަށް ކުރިމަތިވި މި ހިތި ޙަޤީޤީ ހާދިސާ ފެށެނީ، މާލެ އަށް އަހަރެން އައި ހިސާބުންނެވެ. 

ޞުލަޙަވެރި މުޒާހަރާ


"އަހައްމަދާ ، ހޭލަބަލަ!"
އަހައްމަދަށް ގޮވީ އަހައްމަދުގެ "ބޯއި"އެވެ. އަނގައިގައި ވަރު ނުލާ ކަހަލަ ގޮތަކަށް އެހެން ބުނިއިރު އެއްކަލަ "ލާމު"ގެ   އަޑެއް އަނެއްކާވެސް ނީވެއެވެ.
"މިހާރުގެ ޒުވާނުންދޯ..." ކަންނެތްވެފައި އޮތް އަހައްމަދު ކަންނެތް ގޮތަކަށް ހިތަށް އެރިއެވެ. ދެން ކުއްލިއަކަށް ހިތަށް އެރީ އަހައްމަދުގެ ދުވަސްތައް ވެސް ގުނެމުންދާ ކަމަށާއި އިސާހިތަކު އޭނާގެ އަޖަލު ވެސް ޖެހިދާނެ ކަމެވެ.
"މަޖީދީ މަގު ހުރަސް ކުރަނިކޮށް މިރޭ ވެސް އެއްޗަކުން ޖެހި މަރުވެދާނެ،" އަހައްމަދުގެ ހިތަށް ދެން އެރިއެވެ. އަދި އެކަމާ އިތުރަށް ވިސްނާލިއެވެ.
ދެން ކުއްލިއަކަށް ހަންދާންވީ އެއް ދުވަހަކު މަޖީދީ މަގު ސޮނީ ހާރޑްވެއަރ ކުރިމަތިން ދިމާވި ކަމެކެވެ. އެ ހިސާބުގައި ޒިބްރާ ކްރޮސިން އޮތް އިރު ވެސް އެތަނުން ހުރަސްކުރަން ބޭނުންވެފައި ހުރި މުސްކުޅި ފިރިހެނަކަށް އެކަން ނުކުރެވި ދިހަ ވަރަކަށް މިނެޓް މަޑު ކުރަން ޖެހުނު މަންޒަރެވެ.
އަހައްމަދު ކަހަލަ ޒުވާނަކަށް މާލޭގެ މަގުމަތި ބިރުވެރިވެފައިވާއިރު މުސްކުޅިން އަދި ކިހާ ހަފުސް ވާނެ ނޫންހޭ ހިތަށް އަރާފައި އެ ދުވަހު

މަގޭ ހީރޯ


އެފަދަ ފުރިހަމަ އިންސާނެއް އަހަރެން ނުދެކެމެވެ. ފެންނާނެހެނެއް ހިއެއް ވެސް ނުވެއެވެ. ދާދި ދެންމެއަކު އޭނަ މި ދުނިޔެ އަށް އަލްވަދާޢު ކިޔައިފި އެވެ. އެއީ ދުނިޔޭގެ ލީޑަރެއް ނޫނެވެ. ބައިދަނޑި އަށް ދިދައެއް ތިރިއެއް ނުކުރާނެ އެވެ. މަޝްހޫރު އެކްޓަރެއް ނުވަތަ ލަވަކިޔާ މީހެއް ވެސް ނޫނެވެ. ދުނިޔެ މި ދުވަސް ފާހަގައެއް ނުކުރާނެ އެވެ. ވިޔަފާރިވެރިއެއް ނުވަތަ ލިޔުންތެރިއެއް ވެސް ނޫންމެ އެވެ. އޭނަގެ ނަން ނޫހަކުން ނުފެންނާނެ އެވެ. ޚަބަރަކުން ނުކިޔާނެ އެވެ. އޭނަ އަށް ފޮތެއް ލިޔެފައެއް ވެސް ނޯންނާނެ އެވެ. ސްޓޭޖުމައްޗަށް އަރާ ވާހަކަދައްކާ އެކަކު ވެސް، އޭނަގެ ނަމުން މިސާލުޖަހައެއް ނޫޅޭނެ އެވެ. އެކަމަކު، އެއީ އަހަރެންގެ ނަޒަރުގަ އެ ފަދަ ދެވަނައެއް ނެތް އިންސާނެކެވެ. އެއީ މަގޭ މަންމަ އެވެ.

މަގޭ ނާނާ

ދަރިފުޅު ސްކޫލަށް ގެންދިޔުމަށްޓަކައި ހޭލެއްވުން އެކަނި ވެސް އެއީ އަހަރެން ވަރުބަލިކޮށްލާ ކަމެކެވެ. އެކަމަކު، އެ ހިސާބުން އަދިކިރިޔާ ފެށުނީ އެވެ. ފަތިހު އޭނަ ގައިގަ ފެންފޮދެއް ޖެއްސުން އެއީ ހަނގުރާމައެކެވެ. ދަތްއުނގުޅުވަން އެހާ އުނދަގުލެވެ. އެ ހުރިހާ ކަމަކަށް ފަހު ކުރިމަތިލާންވީ ސައިދިނުމާ އެވެ. ހެނދުނު އެއްޗެއް ނުދީ ސްކޫލަށް ނުފޮނުވަން އެންގުން އެއީ ކިހާ ފަސޭހަކަމެއް ހެއްޔެވެ؟ ސަނާ ކާން ބޭނުންވާ އެކައްޗެއް ވެސް ނޯވެއެވެ. ކޮންމެ ރޮޅިކޮޅެއް އަނގަ އަށް ލުމަށްޓަކައި އަނގަހުޅުވަން ބުނަންޖެހެ އެވެ. އެ ރޮށިކޮޅު އަނގަ އަށް ލައިގެން، އިނދެވޭ އެންމެ ގިނައިރު އޭނަ އިންނާނެ އެވެ.
ރުޅިމަޑުކޮށް، ހައްޓަށް ލުއިކޮށްލުމަށްޓަކައި ގެ އަށް ކުއްޖަކު ގެނައީމެވެ. ހަމައެކަނި ސަނާގެ ކަންތައް ބެލެހެއްޓުމަށްޓަކާ އެވެ. އެ ކަމެއް ނުވި އެވެ. ދެ ކުދިން ގެނެސްގެން، އެންމެ ކުއްޖެއް ވެސް ގެއަކު ހަރެއް ނުލި އެވެ. ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާ ހުންނާކަށް އެކަކު ވެސް ބޭނުމެއް ނުވި އެވެ.
އަހަރެންގެ ދަރިފުޅުގެ އުމުރުން ހަތް އަހަރު ފުރެނީ އެވެ. ނުކައި ދުނިޔޭގައި ނޫޅެވޭނެކަން އޭނަ އަށް ނުވިސްނި ހުންނާނެ ހެއްޔެވެ؟ މީހުން ބުނާ އަޑު އިވިފައިވަނީ، ބޮޑަށް ހަލަނިވާނީ ފިރިހެންކުދިން ކަމުގަ އެވެ. އަހަރެންނަށް ލިބުނީ އަންހެންކުއްޖެކެވެ. ތަފާތެއް ކޮބާބާއޭ ހިތަށްއަރައެވެ. ކިޔޭ ނަމެއްގެ ސަބަބުން ކުދިންގެ މިޒާޖަށް ބަދަލުއާދެއޭ ބުނާތީ، ދަރިފުޅުގެ ނަން ބަދަލުކުރަން ވެސް އަހަރެން ވިސްނީމެވެ. އެކަމަކު، ފިރިމީހާ އެއްބަހެއް ނުވި އެވެ. އޭނަ ބުނާ ގޮތުގައި، އައިޝަތު ސަނާ އަކީ ރީތި ނަމެކެވެ. އެއީ ތެދެއްކަމަށް އަހަރެން ވެސް އެއްބަސްވަމެވެ. އެއީ ނަމުގެ މައްސަލައެއް ނޫނެވެ. ސަނާ ހަމަ ބަސްނާހަނީ އެވެ. އަހަންނަކީ އޭނަގެ މަންމަ އެވެ. އެކަމަކު، ބައެއް ދުވަސްދުވަހު އަހަރެން ރޮއްވާލަ އެވެ. ޔުނީފޯމު ލެވޭނީ އެއް ދުވަހު އެވެ. ކޮންމެވެސް ކުލައެއް ނޫނީ ލައްގަނޑެއް އޭގައި ޖައްސާނެ އެވެ. ކޮންމެ ދުވަހަކަށް ޔުނީފޯމެއް ތައްޔާރުކުރުން އެއީ ކާކަށް ކުޅަދާނަވާނެ ކަމެއް ހެއްޔެވެ؟

ވާނީ މިހެންބާ؟


އެމެރިކާ އާއި ރަޝިޔާ، އެންމެ ފަހުން ހަނގުރާމަ ފެށީ އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި، ބޮޑެތި އެހެން ބާރުތައް އެމެރިކާއާ ގުޅުނެވެ. އިސްލާމީ ޤައުމުތައް ރަޝިޔާއާ ގުޅުނެވެ. އޭރު ރާއްޖެ އޮތީ ބަނޑަށްޖެހިފަ އެވެ. ތެޔޮ ލިބެ އެވެ. އެކަމަކު ލިބޭލެއް މަދުވެފައި، ރަނަށް ވުރެ އަގުބޮޑެވެ. ހުޅުލޭގެ އެއާޕޯޓަށް ބޯޓެއް ނުޖައްސާތާ ދޮޅު އަހަރު ވެއްޖެ އެވެ. ރަންބިސް އަޅާ ކުކުޅު ކަތިލައިގެން ކޭތާ ކިތަންމެ ދުވަހެކެވެ. ކާނާ އާއި ބޭސް އެތެރެކުރާ ހުރިހާ މަގެއް ބަންދުވެއްޖެ އެވެ.


ވިހަ ވި ސަމާސަ


"އަހަރެން ވެސް އޭޝް މަތިން ހާދަހާ ހަނދާންވެއޭ. ވަރަށް ވަރަށް މިސްވޭ!" ޝިފްނީން ބުންޏެވެ.
އެއީ ރޭޑިޔޯގެ އެފްއެމް ޗެނަލުން އަންނަ ޝޯއެކެވެ. ޝޯ ގައި ވާހަކަދައްކާނީ ދެ އަންހެންކުދިންނެވެ. އެއް ކުއްޖަކަށް ކިޔަނީ ޝިފްނީން އެވެ. އަނެއް ކުއްޖަކަށް ކިޔަނީ އަމްސޫދާ އެވެ. ދެ ކުދިންނަކީ ވެސް ފުރާވަރުގެ ދެކުދިންނެވެ. ދިރިއުޅުމަކީ ކޮބައިކަމެއް، ދުލުން ބޭރުވާ ކޮންމެ ބަހަކީ ކިހާ ސީރިޔަސް ވާންޖެހޭ އެއްޗެއް ކަމެއް އެ ކުދިންނަކަށް ނޭނގެ އެވެ. އެ ކުދިންގެ މަގުސަދަކީ ޝޯ އަށް އެހުންތެރިންގެ ބޮޑު ތަރުޙީބެއް ހޯދުމެވެ. އެ ސްޓޭޝަންގެ އެ ޝޯ "ނަންބަރު ވަން" އަށް އެރުވުމެވެ. އެ ކަމަށްޓަކައި، ޤާނޫނާއި ޤަވާޢިދު ހުއްދަކުރާ ހުރިހާ އެއްޗެއް އެ ކުދިން ކިޔަ އެވެ. އެއީ، ހަމައެކަނި ދުލުކުރިން ބުނެލާ އެއްޗަކަށް ވިޔަސް، ވާހަކަދައްކާ ރާގުން އެހެނެއް ހިއެއްނުވެ އެވެ. ގަސްތުގައި އެ ކުދިން އެހެން ހަދަނީ އެވެ. އެއީ ހުންނަންޖެހޭ ހުނަރެކެވެ.

ފެންނާތީ ޔާރާގެ މޫނު



އަހަންނަށް މިހެން މި ވީ ކީއްވެ ހެއްޔެވެ؟ މި ފަދަ ދެ ވަނަ މީހެއް ނުހުންނާނެ ހެއްޔެވެ؟ އަހަރެންގެ ކޮންމެ ވެސް ހިއްސެއް އުނީ ބާ އެވެ؟ ކިޔެވުމުން އަހަރެން ރަން ވަނަތައް ހޯދީމެވެ. މުބާރާތްތަކުން ފަޚުރުވެރި ކާމިޔާބުތައް ވެސް ހޯދީމެވެ. ކެޑޭޓުގައި އުޅުނުއިރު، އަހަންނަށް ވުރެ ޖެހިލުން ކުޑަ އެހެން ކުއްޖެއް ނުހުންނާނެ އެވެ. އަނިޔާވެއްޖެ ނަމަ، އަހަންނަށް ވުރެ ހިތްވަރުގަދަ ކުއްޖެއް ނުހުންނާނެ އެވެ. މަންމަ ނިޔާވި ދުވަހު، އަހަރެންގެ ލޮލުން ކަރުނަ ނާދެއެކޭ ނޫނެވެ. އެކަމަކު އެއްބަނޑުއެއްބަފާ އެހެން ކުދިން ފަދައިން، ކެއުންބުއިމުން ދުރުހެލި ވެގެނެއް އަހަރެން ނޫޅެމެވެ. އަހަރެން ކެތްކުރީމެވެ. ހަޔާތުގައި ދިމާވި ކޮންމެ ކަމަކާ ކުރިމަތިލަމުން، ހަނގުރާމަކުރަމުން ދަނިކޮށް، އަހަރެންގެ ފައި ވެލިގަނޑަށް ގަނބައިގަތް ކަހަލަ އެވެ. އެއީ އިމްސާ ފެނުނު ދުވަހެވެ. މަގޭ ލޯބިވާ އިމްސާ އެވެ.