ފެންނާތީ ޔާރާގެ މޫނު

05:12 sondhu 0 Comments



އަހަންނަށް މިހެން މި ވީ ކީއްވެ ހެއްޔެވެ؟ މި ފަދަ ދެ ވަނަ މީހެއް ނުހުންނާނެ ހެއްޔެވެ؟ އަހަރެންގެ ކޮންމެ ވެސް ހިއްސެއް އުނީ ބާ އެވެ؟ ކިޔެވުމުން އަހަރެން ރަން ވަނަތައް ހޯދީމެވެ. މުބާރާތްތަކުން ފަޚުރުވެރި ކާމިޔާބުތައް ވެސް ހޯދީމެވެ. ކެޑޭޓުގައި އުޅުނުއިރު، އަހަންނަށް ވުރެ ޖެހިލުން ކުޑަ އެހެން ކުއްޖެއް ނުހުންނާނެ އެވެ. އަނިޔާވެއްޖެ ނަމަ، އަހަންނަށް ވުރެ ހިތްވަރުގަދަ ކުއްޖެއް ނުހުންނާނެ އެވެ. މަންމަ ނިޔާވި ދުވަހު، އަހަރެންގެ ލޮލުން ކަރުނަ ނާދެއެކޭ ނޫނެވެ. އެކަމަކު އެއްބަނޑުއެއްބަފާ އެހެން ކުދިން ފަދައިން، ކެއުންބުއިމުން ދުރުހެލި ވެގެނެއް އަހަރެން ނޫޅެމެވެ. އަހަރެން ކެތްކުރީމެވެ. ހަޔާތުގައި ދިމާވި ކޮންމެ ކަމަކާ ކުރިމަތިލަމުން، ހަނގުރާމަކުރަމުން ދަނިކޮށް، އަހަރެންގެ ފައި ވެލިގަނޑަށް ގަނބައިގަތް ކަހަލަ އެވެ. އެއީ އިމްސާ ފެނުނު ދުވަހެވެ. މަގޭ ލޯބިވާ އިމްސާ އެވެ.

އިމްސާ އަކީ، އަހަރެންގެ ހަޔާތުގެ އިމްތިޙާނުގައި ކުރިމަތިވި އެންމެ އުނދަގޫ ސުވާލެވެ. އެކަމަކު، އެންމެ ރީތި ސަފުހާ އެވެ. ދޯދިތަކުން އިމްސާގެ ފަން އިސްތަށިގަނޑު ގިރިޓީ ކުރާ ތަން ބަލަން އަހަރެން އިންނަމެވެ. ރިވެލި ބަބުޅަމުން އިރު އޮއްސޭ ތަން ބަލަން އަހަރެން އިންނަ ފަދައިންނެވެ. ވެސްޓް ޕާކުގައި ޖަހާފައިވާ ތޭރިތަކަށް އަހަރެންގެ ސަލާން ރައްދުކުރަމެވެ. އިމްސާގެ އަތުން ފިރުމާލުމުގެ ޝަރަފު އެ އަށް ލިބުނީތީ އެވެ. ކައިރީގައި ހުރި ގަނދަކޯޅި ގަހަށް އަހަރެން އިޙުތިރާމު ކުރަމެވެ. އޭނާގެ އިސްތަށިގަނޑުގައި ބީހިލުމުގެ ނަސީބު ލިބުނީތީ އެވެ. ޖެހުނު ވައިރޯޅި އަށް އަހަރެން ކުރުނީސް ކުރަމެވެ. އޭނަގެ ހަށިގަނޑުން ދުވި ގޮމަކަސްތޫރި ވަސް، އަހަންނާ ހަމައަށް އުފުލައިދިނީތީ އެވެ. އުޑުމަތި ބަނަވާ ދުވަސް ދުވަހު، ކަޅު ވިލާތަކުގެ ފަސްބައިގަ އިރު ފޮރުވާ ތަން ދެކެމެވެ. އަނދިރި ރަޖައެއް ބިންމަތީގައި ފަތުރާލާ ތަން ފެނެ އެވެ. އެހެންނަމަވެސް، ]ހަވީރުގެ ވަގުތު[ ނައިހެއް ނުދެ އެވެ. އެއީ، އިމްސާގެ ނަމުގެ މާނަ އެވެ.
ލޯބި ހުށައަޅަން، ކިތަންމެ ފަހަރަކު އަހަރެން މަސައްކަތް ކުރީމެވެ. އެ ގެ ހުރަސްކޮށް ދެވުނު އަދަދެއް ނޭނގެ އެވެ. ވަގަކަށް ފުލުހަކު ފާރަލާހެން، އެކި ގޯޅިގޯޅިން، އިމްސާގެ ކުރިމަތިންނާއި ފުރަގަހުން އަހަރެން ދިޔައީމެވެ. އެއް ކޮޅަށް ދުއްވާ މަގުތަކުގައި އިދިކޮޅަށް ދުއްވުނެވެ. އިމްސާއާ ގާތްވާ ވަރަކަށް، އަހަރެން ދާހިއްލަ އެވެ. ހިތުގެ ވިންދު އަވަސްވެ އެވެ. ނޭވާ ކުރުވެ އެވެ. ކަރުހިއްކައި، ތުރުތުރުއަޅައި، ދުރަށް ދާން ހިތް މަޖުބޫރު ކުރާ ކަހަލަ އެވެ. ނުރައްކަލެއް ކުރިމަތިވުމުން ސަލާމަތްވާން އިންޒާރު ދޭ ފަދައިން ސިކުނޑި އިންޒާރުދެ އެވެ. އިމްސާއާ ވާހަކަދައްކާކަށް އަހަންނަކަށް ނުކެރެ އެވެ.
އިމްސާގެ މޫނަށް އަހަރެން ބެލީ ދުރުދުރުންނެވެ. އިސްޖަހާލައިގެން، މަޑުމަޑުން ހިނގާފައި އިމްސާ ޓިއުޝަނަށް ދާ ތަން އަހަރެން ބެލީމެވެ. ލޯބި ގައިމު ވެސް އަހަންނަށް ވެވިއްޖެ އެވެ. ފުރަތަމަ ފަހަރަށެވެ. އެކަމަކު ލޯބި ހުށައަޅަން އަހަރެން ފަސްޖެހިއްޖެ އެވެ. ލޯބިވި ކުއްޖަކީ އިމްސާ އެވެ. ފެނުމުން ހިތުގެ ވިންދު އަވަސްވި ކުއްޖަކީ ވެސް އެއީ އެވެ. މީހަކު އެ ނަން ކިޔަސް، އަހަރެންގެ ހިތުގެ އެއް ވިންދު ޖަހަން ހަނދާންނެތޭ ކަހަލަ އެވެ. މީހަކު އިމްސާއާ ހީސަމާސަ ކުރިޔަސް، އަހަރެންގެ ލޮލަށް ކުޅަދާނަ ނުވާ ކަހަލަ އެވެ. ހުންނަން ބޭނުން ވީ އޭނަ ގާތުގަ އެވެ. ހުންނަން ކެރުނީ އޭނަޔާ ދުރުގަ އެވެ. ދުޢާ ކުރަން ދެ އަތް ނެގީމެވެ. އެ ލޯބި ހާސިލުވޭތޯ އެވެ. ދުޢާ ކުރަން އަހަރެން ބިރުގަތެވެ. އެ ލޯބި ހާސިލު ވެދާނެތީ އެވެ. އަހަންނަށް ވެފައިހުރީ ކީއްހެއްޔެވެ؟ އަހަރެން ފަސްޖެހުނީ ކޮން ކަމަކާ ހެއްޔެވެ؟
މީހުންގެ ތެރެއަށް އަހަރެން ނުކުމެ އުޅެމެވެ. ރައްޓެހި ފިރިހެނުންނާއި އަންހެނުން ވެސް ތިއްބެވެ. އެކަމަކު، އަހަރެންގެ ހަޔާތަކަށް ލޯބިވެރިޔަކު ނައެވެ. ލޯބީގެ ކަރުހިއްކުން، އަހަރެންގެ އަރަކުން ނުފިލި އެވެ. ކޮންމެ ކޮންމެ މީހަކަށް މި އިހުސާސެއް ނުވިސްނޭނެ އެވެ. މި ޖަޒުބާތު ތަސައްވުރެއް ނުކުރެވޭނެ އެވެ. ޚުދު އަހަރެންނަށް ވެސް ވާނުވާއެއް ނޭނގުނެވެ. ކިހާ ދުވަހެއް އެ ގޮތުގައި ދިޔަ ހެއްޔެވެ؟ އަހަންނަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ ވަކި އަންހެނަކު ފެނުމުން ހަށިގަނޑު ފިނިވަނީ ކީއްވެގެން ހެއްޔެވެ؟ ބަސް ބުނަން ދޫ އިންކާރު ކުރަނީ ކީއްވެގެން ހެއްޔެވެ؟ އިމްސާ އަކީ އިންސާނެކެވެ. އަހަރެންގެ ހިތުގެ ވިންދެވެ. އަހަރެން އިންތިޒާރުކުރާ މަންޒިލެވެ. އެ ލޯބީގެ އަލިފާނުން އަހަރެންގެ ހިތް އެނދި އެވެ. ކައިރިން އޭނަ ދާއިރު، ފިނިވެގެން އަހަރެން ތުރުތުރުއެޅި އެވެ. ހުސްހަށިބަޔަށް ހުރެ މަރުވާކަށް ބޭނުމެއް ނޫނެވެ. ފަސްޖެހުމަށް ހުރި އަދަބަކީ، އެ ލޯބިން މަޙްރޫމުވުންކަން ވެސް އެނގެ އެވެ.
ރައްޓެހިން އަހަންނާ ދިމާ އަށް ބުންޏެވެ. އަހަންނަށް ސިހުރު ޖެހުނީ އެވެ. އެސްފީނާ ޖެހުނީ އެވެ. ރައްޓެހިން މިހެން ވެސް ބުންޏެވެ. އަހަންނަކީ ފިނޑިއެކެވެ. އަހަންނަށް ނުކެރެނީ އެވެ. އަހަރެންގެ ފިނޑިކަމަށް މަލާމާތްކުރަން އެ މީހުން ރޭވުންތައް ރޭވި އެވެ. އަންހެންކުދިން ލައްވާ، ރައްޓެހިވާން އެހުވި އެވެ. އަހަރެން ޖެހިލުމެއް ނުވި އެވެ. ލަނދުގެންފައި ފިލާކަށް ވެސް ނުދުވަމެވެ. އެކި ކުދިން ލައްވާ ގުޅުވާފައި، އިންނަން ވެސް އެހުވި އެވެ. ސާބިތުކަމާ އެކުގައި ޖަވާބުދީފައި އަހަރެން ފޯނު ބާއްވަމެވެ. އެއިން އެކަކު ދެކެ ވެސް އަހަރެން ލޯތްބެއް ނުވެ އެވެ. ވުމާއެކު، އެ ކުދިންނަށް ޖަވާބުދޭކަށް އަހަރެން ޖެހިލުމެއް ނުވި އެވެ. ހުރިހާ އަންހެނުން އެއް ފަރާތުގައި ބައިތިއްބާފައި، އަނެއް ފަރާތުގައި ހުންނަން ޖެހޭނީ އިމްސާ އެކަންޏެވެ. އިމްސާ އަށް ޓަކައި އަހަރެންގެ ހިތުގައި ދެވިފައިވާ މަޤާމަކީ އެއީ އެވެ.
އަހަރެންގެ މައްސަލަ އަކީ ކޮބައި ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަރެން ބޭނުންވި އެވެ. އެންމެ ލޯބިވާ މީހާ އަކީ އެންމެ ބިރުވެރި މީހާ ކަމުގައި ވީ ކީއްވެގެން ހެއްޔެވެ؟ އެންމެ ފޮނި އިންތިޒާރަކީ، އެންމެ ބޮޑު ނާކާމިޔާބަށް ވާން އަހަންނަށް މަގުފަހި ކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ހޯދަން ފެށީމެވެ. އުސް ތަންތަނަށް އަރަން ބިރުގަންނަ މީހުން އުޅެ އެވެ. މީހުންނަށް އިތުބާރުކުރަން ޖެހިލުންވާ މީހުން ވެސް އުޅެ އެވެ. އެއީ ހައިރާން ވާންޖެހޭ ކަމެއްކަމަކަށް މީހުން ނުދެކެ އެވެ. އަހަރެންގެ ބިރަކީ ލޯތްބެވެ. މީހުން ހައިރާންވަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ޖެހިފައިވަނީ، ދުނިޔޭގެ އެތައް ބަޔަކަށް ޖެހިފައިވާ ބައްޔެކެވެ. އެކަން އެނގުމުން، އުފަލުން ރޮވުނެވެ. އެ ބައްޔާ ހަނގުރާމަ ކުރަނީ، އަހަރެން އެކަނި ނޫންކަން އެނގުނީމަ އެވެ.
ފިލޮފޯބިއާ އަކީ ނަފުސާނީ ބައްޔެކެވެ. އެ ބަލީގެ މުށުތެރޭގައި އަހަރެން ވަނީ ފިތިފަ އެވެ. ކުރީކޮޅުގައި، އެއީ ބައްޔެއް ކަމަށް ގަބޫލުކުރާކަށް އަހަރެން ބޭނުމެއް ނުވި އެވެ. ފަރުވާ ހޯދަން ދާން ޖެހިލުންވި އެވެ. އެ ބައްޔަށް ފަރުވާ ހުރިކަން އެނގިމެ، އަޅާނުލާ ކިތަންމެ ދުވަހަކު ހުރީމެވެ. ހިތަށްއެރި އެވެ. މީހުން މަލާމާތްކުރާނެ އެވެ. ދެން ހިތަށްއެރި އެވެ. ހުސްހަށިބަޔަށް ހުރުމުން ކުރާ މަލާމާތް ކުޑައީ ހެއްޔެވެ؟ ލަދުގަންނަންވީ ކަންކަމާ ނުގެންފައި، ނުގަންނަންވީ ކަންކަމާ ގަންނަންވީ ކީއްކުރަން ހެއްޔެވެ؟ އަހަރެންގެ ކަމެއްގައި، އަހަރެން ނޫޅުނިއްޔާ އުޅޭނީ ކާކު ހެއްޔެވެ؟
އަހަންނަށް ކައުންސިލިން ލިބުނެވެ. ބޭހާއި، ކަންކަމުގައި އަހަރެން ދެކޭ ގޮތް ބަދަލުކުރުމުގެ ތަމްރީނުތައް ދިނެވެ. އެއީ، ހީކުރިހާ ލަދުވެތި ކަމެއް ނޫނެވެ. އަހަންނާ އެކުގައި، ދެ ޖިންސުގެ ހައެއްކަ މީހުން ބައިވެރިވި އެވެ. އަހަރުމެން ނިންމި ގޮތުގައި، ހުން އަންނަ މީހަކު ބޭސް ކާން ލަދުނުގަންނަންޏާ، އަހަރުމެން ވެސް ގަންނަން ޖެހޭ ލަދެއް ނޯންނާނެ އެވެ. ސަބަބަކީ، ދެބައި މީހުންނަށް ވެސް ޖެހިފައިވަނީ ބައްޔެކެވެ. އެކަކަށް ޖިސްމާނީ ގޮތުންނެވެ. އަނެކަކަށް ނަފުސާނީ ގޮތުންނެވެ. ހަމައެކަނި ތަފާތަކީ އެއީ އެވެ. ލޯބިވާން ޖެހިލުންވުމުގެ ބިރު، އަހަރުމެން އެއް ފަރާތް ކުރީމެވެ. އެއީ، ސިސްޓެމިކް ޑިސެންސިޓައިޒޭޝަން ތެރަޕީ އެވެ. އެ އަށް ފަހު ކޮގްނިޓިވް ބިހޭވިއަލް ތެރަޕީ ވެސް ހެދީމެވެ. އޭގެ ސަބަބުން، ނުކެރުމަށް މަގުފަހިވާ ވިސްނުންތައް ގިރާކުރަން ދަސްވި އެވެ.
ފިލޮފޯބިއާގެ ޝިކާރައަކަށް ވުމުން، މީހެއް ދެކެ ތިމާ ލޯބި ވިޔަސް ނުވަތަ ތިމާ ދެކެ މީހަކު ލޯބި ވިޔަސް، ޖަޒުބާތީ ގޮތުން ތިމާގެ ކޮންޓުރޯލު ތިމާ އަށް ގެއްލުނީ ކަމަށް ހީކުރެވެ އެވެ. ލޯބީގެ ކަނޑަށް ތިމާ ޣަރަޤު ވެދާނެތީ ބިރުގަނެ އެވެ. އަހަރެންގެ ބިރަކީ ވެސް އެއީ އެވެ. ބިރަކީ، އޭގެ ޒާތުގައި ފައިދާހުރި އެއްޗެކެވެ. އޭގެ ސަބަބުން، ނުރައްކާތަކުން ސަލާމަތް ވާން ސިކުނޑި އިންޒާރުދެ އެވެ. އެހެންނަމަވެސް، ބައެއް ބިރުން ސަލާމަތްވެގެން ނޫނީ ދިރިއުޅެން އުނދަގޫވެ އެވެ. އަހަރެން ނަސީބުގަދަ އެވެ. މިއީ ބައްޔެއްކަން ނޭނގި، ފަރުވާ ނުލިބި ކިތައް މީހުންގެ ދިރިއުޅުން، އެކަނިވެރިކަމުގައި ނިމިގޮސްފައި ވާނެ ހެއްޔެވެ؟ އިހުސާސްތަކުގެ، މަގު ގެއްލިފައިވާ ކަށި ޖަންގަންޔެއްގެ މެދުގައި، ނުކުންނަން ނޭނގިގެން އަހަރެން އެނބުރުނީ އެވެ. ހިތަށް އުފާ ލިބުނީ އިމްސާގެ މޫނު ފެނުނީމަ އެވެ. ހިތުގަ ވޭން އެޅީ ވެސް އިމްސާގެ މޫނު ފެނުނީމަ އެވެ.
އާންމު ހާލަތަށް އަހަރެން އެނބުރި އައިއިރު، އަހަންނަށް އިމްސާ ގެއްލިއްޖެ އެވެ. އޭނަ ޒަވާޖީ ހަޔާތެއް ފަށައިފި އެވެ. އެހެން ނޫން ނަމަ، ޔަގީނުން ވެސް އިމްސާ އަށް ލޯބި ހުށަހެޅީމުހެވެ. ކުޑަމިނުން، އިމްސާއާ ކުރެވޭނެ ޝަކުވާއެއް ވެސް އަހަންނަކަށް ނެތެވެ. އަހަރެން ކިހާ ލޯބިވިކަމެއް އޭނައަކަށް ނޭނގޭނެ އެވެ. އެކަމަކު އިމްސާ އަށް ޝުކުރު އަދާކުރަމެވެ. އަހަރެންގެ މައްސަލައެއް ހުރިކަން އެނގެން މެދުވެރިވީ އިމްސާ އެވެ. ފަރުވާ ހޯދަން ހިތްވަރަކަށް ވީ ވެސް ހަމަ އިމްސާ އެވެ. ކޮންމެ ތާކު އިމްސާ ވިޔަސް، ހެޔޮ ހާލުގައި ވާށެވެ. ނޭނގި ނަމަވެސް، އަހަރެންގެ ހަޔާތަށް އިމްސާ ގެނެސްދިނީ، އޭގެ އަގު ވަޒަންކުރަން އުނދަގޫވާ ވަރުގެ ބޮޑު އުފަލެކެވެ.

You Might Also Like

0 comments: