މަގޭ ހީރޯ

01:21 sondhu 0 Comments


އެފަދަ ފުރިހަމަ އިންސާނެއް އަހަރެން ނުދެކެމެވެ. ފެންނާނެހެނެއް ހިއެއް ވެސް ނުވެއެވެ. ދާދި ދެންމެއަކު އޭނަ މި ދުނިޔެ އަށް އަލްވަދާޢު ކިޔައިފި އެވެ. އެއީ ދުނިޔޭގެ ލީޑަރެއް ނޫނެވެ. ބައިދަނޑި އަށް ދިދައެއް ތިރިއެއް ނުކުރާނެ އެވެ. މަޝްހޫރު އެކްޓަރެއް ނުވަތަ ލަވަކިޔާ މީހެއް ވެސް ނޫނެވެ. ދުނިޔެ މި ދުވަސް ފާހަގައެއް ނުކުރާނެ އެވެ. ވިޔަފާރިވެރިއެއް ނުވަތަ ލިޔުންތެރިއެއް ވެސް ނޫންމެ އެވެ. އޭނަގެ ނަން ނޫހަކުން ނުފެންނާނެ އެވެ. ޚަބަރަކުން ނުކިޔާނެ އެވެ. އޭނަ އަށް ފޮތެއް ލިޔެފައެއް ވެސް ނޯންނާނެ އެވެ. ސްޓޭޖުމައްޗަށް އަރާ ވާހަކަދައްކާ އެކަކު ވެސް، އޭނަގެ ނަމުން މިސާލުޖަހައެއް ނޫޅޭނެ އެވެ. އެކަމަކު، އެއީ އަހަރެންގެ ނަޒަރުގަ އެ ފަދަ ދެވަނައެއް ނެތް އިންސާނެކެވެ. އެއީ މަގޭ މަންމަ އެވެ.

މީހެއްގެ އަތުން އޭނަ ދަރަންޏެއް ނުނަގަ އެވެ. އެހެން މީހަކު އޭނަ އަށް ތަޢުރީފެއްނުކުރެ އެވެ. ތަޢުރީފު ކުރެވޭ ވަރުގެ ކަމެއް މަންމަ ނުކުރަނީ ކަމަށް ވެސް ވެދާނެ އެވެ. މަންމަ ކުރަނީ، އެހެން މީހުން ބުނާގޮތުން ނަމަ، އާދައިގެ ކަންތަކެވެ. ކެއްކުމެވެ. ގޭތެރެ ސާފުކުރުމެވެ. ދަރިންގެ އަންނައުނު ދޮވެ އިސްތިރިކުރުމެވެ. ދަރިންނަށް ވޮށުފިލާ އަޅައިދިނުމެވެ. ޤުރްއާން ކިޔަވައިދިނުމެވެ. ނަމާދުކުރަން ދަސްކޮށްދިނުމެވެ. ނަސޭހަތް ދިނުމެވެ. ފަސް ވަގުތު ނާޅާ ނަމާދު ކުރުމެވެ. ދަމުނަމާދަށް ތެދުވުމެވެ. އަތުގައި ކިރިޔާ ވެސް ފައިސާފޮއްޗެއް ބާކީ އޮވެއްޖެ ނަމަ، ބޭނުމެއްޖެހިގެން އަންނަ މީހަކަށް ދިނުމެވެ. އަނބުރާ ދައްކާ ގޮތަކަށް ނޫނެވެ. އަހަރުމެންނަށް ނުރައްކަލެއް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި، އަހަރުމެން ފަހަތަށްލާފައި މަންމަ ކުރީގައި ހުންނާނެ އެވެ. މަގޭ ދަރިއެއް ގައިގަ އިނގިލިކުރި ވެސް ޖައްސާލެވޭނީ ތިމަންނަ މަރާފައޭ ބުނާނެ އެވެ. ހިމާޔަތަކީ އެއީ އެވެ.
އަހަރެންގެ މަންމަ ނިޔާވީ، ބަލި އެނދުގައި ކިތަންމެ ދުވަހަކު އޮވެފަ އެވެ. އޭރު އަހަރެން އުޅުނީ ވަޒީފާއަދާކުރާށެވެ. ރައްޓެހިންނާ އެކުގައި މަޖާ ވެސް ކުރަމެވެ. ކިތަންމެހާ ވެސް ބިޒީ އެވެ. އޮފީހުގެ ހުރިހާ ޖަލްސާތަކަށް، ބަރާބަރު ގަޑި އަށް އަހަރެން ދިޔައީމެވެ. ރައްޓެހިންނާ އެކުގައި ޕާޓީތަކަށް ވެސް ދިޔައީމެވެ. އެކަމަކު، ގޭގެ ކޮޓަރިއެއްގެ އެނދުގައި އޮތް މަންމަގެ ކައިރީގައި އިށީނދެލަން އަހަރެން ވަގުތު ހޯދީމެވެ. މީހުން ބުނެއެވެ. ދަރިން އުޅޭނީ މައިންބަފައިން ތަރުބިއްޔަތުކުރި ގޮތަކަށެވެ. ނޫނެކެވެ. ހުރިހާ ދަރިން އެހެން ނޫޅެފާނެ އެވެ.
އަހަރެން ކުޑައިރު، ހެނދުނު ސްކޫލަށް ދާން ގޮވުމުގެ ކުރިން، ފަތިސްނަމާދަށް ފޮނުވުމަށްޓަކައި މަންމަ އަހަންނަށް ގޮވި އެވެ. ކެއުމުގެ ކުރިން ބިސްމިކިޔުމާއި، ކައިނިމިގެން ޝްކުރުކުރަން ދަސްކޮށްދިނެވެ. ނިދުމުގެ ކުރިން ޝަހާދަތް ކިޔަން އާދަކޮށްދިނެވެ. ގެޔަކަށް ވަނުމުގެ ކުރިން ސަލާމްގޮވަން ހަނދާންކޮށްދިނެވެ. މުސްކުޅިންނަށް އިޚުތިރާމުކޮށް، ކުޑަކުދިންނަށް އޯގާތެރިވާން ނަސޭހަތްދިނެވެ. ހުރިހާ ދަރިންނަށް ވެސް ހަރާމް އެއްޗެއްސާއި ހަލާލު އެއްޗެހި ވަކިކޮށްދިނެވެ.
އަހަރެންގެ ބައްޕަ ނިޔާވީ އެކްސިޑެންޓެއްގެ ސަބަބުންނެވެ. އެ ދުވަސް އަހަރެން ހަނދާންހުންނަނީ ވަރަށް ކުޑަކޮށެވެ. ފަސް ކުދިންގެ ތެރެއިން އަހަންނަކީ އެންމެ ހަގު ކުއްޖާ އެވެ. މަންމަ ނިޔާވިއިރު ވެސް ކާފަ، ގަދަވެ ހެޔޮހާލުގައި އެބަހުއްޓެވެ. ކާފަ ބުންޏެވެ. ކޮންމެ ދަރިއަކަށް މަންމަ ބަނޑުބޮޑުވީމަ ވެސް މަންމަގެ މުޅި ފައި ދުޅަވެ އެވެ. އެކަމަކު، އެހެން ހުރިހާ ކުދިންގެ ކަންތައްތައް، ކުރެވެން އޮތް އެންމެ ފުރިހަމަކޮށް މަންމަ ކުރެއެވެ. ފަސް ދަރިންނަށް އެއްވަރަކަށް ލޯބިދިނެވެ. އެއީ ކާކަށް ކުޅަދާނަ ކަމެއް ހެއްޔެވެ؟ ބަދަލުގައި އެހެން ކުދިންނަށް ދެވުނީ ކޯޗެއް ހެއްޔެވެ؟ ހާލީގައި އޮވެ، ފިޔަފެޅުމުން އެހެން ދަރިން އުދުއްސާލީ އެވެ.
ވިހެއުމުގެ މާކުރިން، ދަރިންނަށް ބޭނުންވާ ހުރިހާ އެއްޗެއް މަންމަ އެއްކުރެއެވެ. އަތްމަތި ދަތިކަމުން، މާ ގިނަ އެއްޗެއްސެއް ނުހޯދެއެވެ. އެކަމަކު، ނެތީ ފައިސާ އެވެ. ގުނާ އަދަދު ނުކުރެވޭހާ ލޯބި، މަންމަގެ ހިތުގައި ރައްކާކުރެވިފައި ހުރެއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި، ރެޔާއި ދުވާލު ދަރިންނަށް އެ ލޯބީގެ މާތައް މަންމަ އޮއްސަމުންގެންދިޔަ އެވެ. ކޮންމެ ކުއްޖެއް ވިހާއިރު ވެސް މަންމަ ހުންނަނީ އެ ކުއްޖަކު ދުށުމަށް ކެތްތެރިކަން ކުޑަވެފަ އެވެ. ދެ ކުދިން ލިބުމަށް ފަހު، އިތުރަށް ކުދިން ހޯދުމުގެ ނުރައްކާތެރިކަން ޑޮކްޓަރު ވިސްނައިދިން ކަމުގައި ކާފަ ބުންޏެވެ. ތެދެކެވެ. ދެން ވިހެއި ކޮންމެ ކުއްޖަކު ވިހެއީ، ވޭނުގެ ގަދަފަދަ ކަނޑެއްގައި، ފުރާނައާ ހަނގުރާމަކުރަމުންނެވެ. އެކަމަކު، ދުވަހަކު ވެސް މަންމަގެ ސަލާމަތަކަށް ދުޢާއެއް ނުކުރެއެވެ. ބަހެއް ދުލުން ނެރެވެންޏާ ނެރެނީ ދަރިފުޅަށް ޓަކާ އެވެ. ދަރިފުޅުގެ ސަލާމަތަށް ޓަކާ އެވެ.
އަހަންނަކީ، އެހެން ކުދިންނާ ޚިލާފަށް ރޯ ކުއްޖެކެވެ. މަދުން ނިދާ، އަވަހަށް ބަނޑުހައިވާ ކުއްޖެއް ވެސްމެ އެވެ. މަންމަ ދުވަހަކު ވެސް އެ ކަމާ ޝަކުވާއެއްނުކުރެ އެވެ. އެންމެން ނިދައި، ފައިހިލަވަޅު އޮބުމަށް ފަހުގައި ވެސް، ނާނާ ކިޔުމުގައި، ކިތަންމެ ރެއަކު މަންމަ ހޭލާ ހުރެއެވެ. ހިނިތުންވުމާއެކު އަހަންނަށް ބަލަހައްޓައިގެން މަންމަ ހުންނައިރު ހީވަނީ، އަހަރެންނަކީ މަންމަ އަށް ލިބުނު ފުރަތަމަ ދަރިފުޅުހެންނޭ ކާފަ ބުންޏެވެ.
މަންމަ ހުންއަތުވެއްޖެއްޔާ އަހަރެން ވެސް ހުންއާދެއެވެ. އެ ރޭ ގެއަކު ރަޖައެއް ނެތެވެ. އޮތީ ބެޑްޝީޓެކެވެ. ފަށްފަށްކުރުމަށް ފަހު، މުޅި ބެޑްޝީޓު އެޅީ އަހަރެންގެ ގައިގަ އެވެ. ތުރުތުރުލާ ހާލުގައި މަންމަ އޮތީ އެވެ. ދަރިންނާއި ގޭގެ ހުރިހާ ކަމެއް، ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމަށް ފަހުގައި ވެސް، އަރާމުކޮށްލުމަކަށް މަންމަ އަކަށް ފުރުޞަތެއް ނުލިބެ އެވެ. ކޮންމެ ވެސް ކުއްޖެއްގެ، ކޮންމެ ވެސް ކަމެއް އޮންނަނީ ކުރަންޖެހިފަ އެވެ. އެކަމަކު، އަޑުވީއްލައި، ދުވަހަކު ވެސް ދަރިއަކާ ވާހަކައެއް ނުދައްކަ އެވެ. އެއް ކަމެއް އެތަކެއް ފަހަރަކު، ތަކުރާރުކޮށް ބުނަންޖެހުނަސް ބުނަނީ ލޯތްބާއެކުގަ އެވެ. އޯގާތެރިކަމާ އެކުގަ އެވެ. ދުނިޔެ އަކީ ކިހާ އަނިޔާވެރި ތަނެއްކަން މަންމަ އަށް އެނގެ އެވެ. އެހެންކަމުން، ކުކުޅުގެ ފިޔަގަނޑު ދަށުގައި ފިޔޮއްތައް ގެންގުޅޭ ފަދައިން، ހުރިހާ ދަރިންނަށް މަންމަ ހިމާޔަތްދިނެވެ. ގާތުގައި މަންމަ ހުރެއްޖެ ނަމަ، އެއްވެސް ކަމަކާ ވިސްނަން ނުޖެހޭނެކަމުގެ ޔަގީންކަން އަހަންނަށް އޮންނަނީ ލިބިފަ އެވެ.
އެކި ދަރިން އެކި ގަޑި އަށް ސްކޫލުދޮށަށް ގެންދަންޖެހުނަސް މަންމަ ވަރުބައްޔެއްނުވެ އެވެ. ދުވަހަކު ވެސް، ގަޑިޖެހިގެން ސްކޫލަކަށް ނުގެންދެއެވެ. ގަޑިޖެހިގެން ބަލައެއް ވެސް ނާދެއެވެ. ދަރިންނަށް ކަމެއްކޮށްދީގެން މަށެއް ވަރުބައްޔެއް ނުވާނޭ މަންމަ ބުނާ ކަމަށްވެއެވެ. ކްލާހުގައި މުދައްރިސުން ކިޔަވައިނުދެއެކޭ ނޫނެވެ. އެކަމަކު، އަހަރެންގެ މުދައްރިސަކީ މަންމަ އެވެ. ފޮތުން ދަސްކޮށްދޭ ދިހަ ފިލާވަޅަށް ވުރެ، މަންމަ ދޭ އެންމެ ނަސޭހަތެއް ވެސް މާ ފުރިހަމަ އެވެ. ގަބޫލުކުރެވެ އެވެ. ދޮންކޮށްފައި އޮންނައިރު ދަނގަނޑު ލަންބަން ފަސޭހަވާ ފަދައިން، ޅައިރު ދަރިން ބައްޓަންކުރަން ވެސް ފަސޭހަ އެވެ.
ބޮޑުވުމަށް ފަހު، އަމިއްލަ ފައިމައްޗަށް ތެދުވެފައި އަހަރެން ހަށިފޮޅައެއް ނުލަމެވެ. އުޑަފައިން އިށީންނަން ނޭނގޭއިރުއްސުރެ މަންމަ ދެމުން އައި ތަރުބިއްޔަތު، ކަނދުރާމަތިން ފޮޅައެއް ވެސް ނުލަމެވެ. އަހަރެންނަށް އަކުރުއަޅައިދޭން އެކުވެރިން މަސައްކަތްކުރި އެވެ. މަގު ދައްކައިދޭން ވެސް އުޅުނެވެ. އެކަމަކު، އެ މީހުން ދެއްކި މަގުން، ސަހަރާގައި އަހަންނެއް ނުހިނގަމެވެ. ދުރުން ފެނުނު އަވާމެންދުރަކަށް އަހަރެން ނުހެއްލެ އެވެ. ފެން ކަމަށް ހީކޮށް އަލިފާނާ ދިމާއަކަށް ވެސް ނުދަމެވެ. އެއީ ކީއްވެގެން އަހަންނަށް ކުރެވުނު ކަމެއް ހެއްޔެވެ؟ ސަބަބަކީ، މަންމަގެ ލޯތްބަށް ވުރެ، އެކުވެރިންގެ ރުހުން އަހަންނަށް މުހިންމު ނުވުމެވެ. މުސްކުޅިންގެ ޚިޔާލު ކަޓު ވާނެ ކަމާއި، އަށާރަ ފުރުމުން މިނިވަންވީކަމަށް އެކުވެރިން ބުންޏަސް، އެ ބަހެއް އަހަރެން ނާހަމެވެ.
މީހެއްގެ މުހިންމުކަން އިހުސާސް ކުރެވޭނީ އެ މީހަކު ނެތް ދުވަހަކުންނޭ ބުނާ ވާހަކަ އެއީ ކިހާބޮޑު ތެދެއް ހެއްޔެވެ؟ ހުދު ކަރުދާހެއް ފަދައިން އަހަރެންގެ ހިތް އޮތްއިރު، މަންމަ އަޅައިދިން ފޮޅުވަތްތައް، އަދިއަދަށް ދާންދެން ވެސް ނުފިލައި އެބަހުއްޓެވެ. ކަމަކަށް ފަހު ކަމެއް، ބަހަކަށް ފަހު ބަހެއް ފަނޑުވަމުންނެއް ނުދެއެވެ. ވަކި އުމުރަކަށް އެޅުމުން، މަންމައާ އެކުގައި ސްކޫލަށް އައުމަކީ ރައްޓެހިންގެ މަލާމާތްލިބޭ ކަމަކަށްވި އެވެ. އެކަމަކު، އަހަރެން ލަދެއްނުގަންނަމެވެ. އެ ޝަކުވާ އަހަރެން މަންމައަކަށް ނުއުފުއްލަމެވެ. އަހަރެން އުފާވީ މަންމައާ އެކުގައި ދެވޭތީ އެވެ. ހިނގަން ނޭނގުނުއިރު އަހަރެން ހިފޭއްޓި އިނގިލި، އަހަރެންގެ އަތުތެރެއިން، ދުވަހަކު ވެސް ދެމިގެނެއް ނުދެއެވެ. ރައްޓެހިން ބުނާ ތަނަކަށް ދިޔުމަށްޓަކައި، މަންމަގެ ހުއްދަ ހޯދުން ވެގެންދިޔައީ ވެސް، ރައްޓެހިންގެ ކުރިމަތީގައި އަހަރެންގެ އުމުރު ހަގުވާ ކަމަކަށެވެ. އެކަމަކު، އަހަރެން ގެއިން ނުކުންނަނީ، ސިއްރުސިއްރުން އޮޅުވާލައިގެނެއް ނޫނެވެ. ދާތާކަށް ދަނީ މަންމަގެ ރުހުމާ އެކުގަ އެވެ. ގުރޫޕުން އެކަހެރި ވެދާނެތީ "ނޫނެކޭ" ނުބުނެއެއް ނުހުންނަމެވެ.
މަންމަގެ އޯގާތެރި ދެ އަތުން އަހަންނަށް ކޮށްދިން ޚިދުމަތުގެ އަގު، ދުވަހަކު ވެސް ވަޒަނެއް ނުކުރެވޭނެ އެވެ. އަހަންނަށްޓަކައި އެ ފަކީރު އުފުލި ބުރަ އަބަދު ވެސް ހަނދާންހުންނާނެ އެވެ. އުޅުނު ބިކަ ހާލު ވެސް ހަނދާންބަހައްޓާނަމެވެ. މިއަދު މަގޭ ދެލޯ ކަރުނުން ފުރެއެވެ. އެހެންނަމަވެސް، ދެނެއް މަންމައެއް ނާންނާނެ އެވެ. ދަރިފުޅާއޭ ގޮވާލާ އަޑެއް ދެނެއް ނީވޭނެ އެވެ.
މަންމަގެ އެހެން ދަރިން އުޅުނީ އަހަރެން އުޅުނު ގޮތަކަށް ނޫނެވެ. އެކަމަކު، އެއީ މައިންބަފައިން އެ ކުދިންނަށް ދިން ތަރުބިއްޔަތޭ އެކަކު ވެސް ބުނެގެން ނުވާނެ އެވެ. މަންމަ ވަކިވެގެން ދިޔައީ މަންމަގެ ވާޖިބު އަދާކޮށްފަ އެވެ. ދަރިން ބަސްނޭހުން އެއީ ދަރިން އިޚުތިޔާރުކުރި ގޮތެވެ. މިސާލަކަށް އަހަރެން ފުދެއެވެ. ހަރުދަނާ އިންސާނަކަށް މިއަދު އަހަރެން ވެފައި މި ވަނީ މަންމަ ކޮށައިދިން މަގުގެ ސަބަބުންނެވެ. މަގޭ ހީރޯ އަކީ މަގޭ މަންމަ އެވެ.
ނިމުނީ

You Might Also Like

0 comments: