ނަތީޖާ

20:09 sondhu 0 Comments


މަދުރަސަތުލް އަހުމަދިއްޔާ އިން އަހަންނަށް ޖާގަ ލިބުނެވެ. ތައުލީމީ ގޮތުން އާދަޔާ ޚިލާފު ވަނަތަކެއް ހޯދާމުންދާ، އެ ފަދަ މަދުރަސާއަކަށް ވަދެވުނީތީ އަހަރެން ވަރަށް އުފާވި އެވެ. ހިތަށްއެރި އެވެ. ކުޑައިރުއްސުރެ އަހަރެން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި، އަނެއްކާ ވެސް އެއް ފިޔަވަޅު ކުރިޔަށް އެޅުނީ އެވެ. އަހަރެންގެ ރަށަކީ ދިއްގަރެވެ. މާލެ އަށް އައި ހަމަ އެކަނި ބޭނުމަކީ، މޮޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދުމެވެ. އަހަރެންގެ ހަގަށް ފަސް ކުދިން ރަށުގައި ތިއްބެވެ. އެ ކުދިންނަށް ކިޔަވައިދޭން މައިންބަފައިން ވަރަށް މަސައްކަތް ކުރެއެވެ. އެކަމަކު، ބުރަކޮށް މަސައްކަތް ކުރުމަކީ އެ މީހުންގެ ބަލި ހާލަތު ތަންދޭ ކަމެއް ނޫނެވެ. ކިތަންމެ ސިއްރުކުރަން މަސައްކަތް ކުރި ނަމަވެސް، އަހަންނަށް އެ ކަން އެނގެ އެވެ. އެ މީހުންނަށް ވާވަރު އެ މީހުން ކޮށްފި އެވެ. ވީއިރު، ބޮޑުދައިތަ ކައިރީގައި އަހަރެން ހުރެގެން، ވަޒީފާއަދާކޮށްފައި، ރަށަށް ފައިސާކޮޅެއް ފޮނުވިއްޖެ ނަމަ، ޢާއިލާ އަށް ކޮންމެ ވެސް ލުޔެއް ލިބޭނެ އެވެ. އަހަރެންގެ ހަޔާތަށް ކުރިމަތިވި މި ހިތި ޙަޤީޤީ ހާދިސާ ފެށެނީ، މާލެ އަށް އަހަރެން އައި ހިސާބުންނެވެ. 


ބޮޑުދައިތަ ކައިރި އަށް އަހަރެން އައިއިރު ވެސް، އެ ގޭގައި ޖެހޭ ކުދިކުދި މަސައްކަތްތައް ކުރަންވާނެކަން އަހަންނަށް އެނގެ އެވެ. ކެއުންބުއިމާއި، ހުރުން ހަމަޖެހިފައި، އޭގެ އިތުރަށް ސްކޫލުގެ ޚަރަދާއި އަންނައުނު ވެސް ބޮޑުދައިތަ ދެއެވެ. އަހަރެން ހުންނަނީ ބޮޑުދައިތަ ކަމަކު ނުކިޔައިގެންނެވެ. އެ އެޕާޓުމަންޓުގެ ބައެއް ކަންކަން، އަމިއްލަ އަށް ފެނިގެން ވެސް އަހަރެން ކުރަމެވެ. އެހެންނަމަވެސް، އަހަރެންނަކީ ފިރިހެނުންގެ ޖިންސީ ހެއްލުންތަކަށް އިޖާބަދޭ ކުއްޖެއް ނޫނެވެ. ހަޔާތުގެ ލަނޑުދަނޑިތައް އަހަރެން ކަނޑައެޅީ ބުއްދިވެރިކަމާ އެކުގަ އެވެ. ފުރަތަމަ ކިޔެވުމެވެ. ދެން ވަޒީފާ އެވެ. އެ އަށް ފަހު ޒަވާޖީ ހަޔާތެވެ. ހީކުރީ އެއީ އެންމެ ރަނގަޅު ގޮތްކަމަށެވެ. ކުރިމަތިވި މައްސަލަ އަކީ ވެސް އެއީ އެވެ.
ބޮޑުދައިތަ އަކީ، ސަރުކާރު އޮފީހެއްގެ އިސް މަޤާމެއް އަދާކުރާ މީހެކެވެ. އޭނަގެ ފިރިމީހާ ނުވަތަ ހަމީދުބެ އަކީ، ވިޔަފާރިވެރިއެކެވެ. ބޮޑުދައިތަ އާއި ހަމީދުބެގެ ހުރި ހަމައެކަނި ދަރިފުޅު ޝިރުމީނާ އަށް އޭރު ފަނަރަ އަހަރެވެ. ނަމުގައި ހަމީދުބެ އިންނަނީ ފިހާރައިގަ އެވެ. އެކަމަކު، ގިނަ ވަގުތު އޭނަ އުޅެނީ ގޭގަ އެވެ. އަހަރެން ކިޔަވަން ދާ ގަޑިތައް ހަމީދުބެ އަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ބޮޑުދައިތަ ކުރިމަތީގައި، ހަމީދުބެ އަކީ އަހަންނާ ވާހަކަދައްކާ މީހެއް ނޫނެވެ. ކޮންމެހެން ބުނެލަންޖެހޭ އެއްޗެއް ފިޔަވައި، އެއްވެސް ވާހަކައެއް އޭނަ ނުދައްކާނެ އެވެ. މަޤްޞަދު ވަރަށް ސާފެވެ. އަހަންނާއި ހަމީދުބެއާ ދެމެދު ނުބައި ގުޅުމެއް ހިނގާފާނެކަމަކަށް ބޮޑުދައިތަ ކުޑަ ވެސް ޝައްކެއް ނުކުރާނެ އެވެ.
އުޅެން ފަސޭހަވެފައި ބޮޑުދައިތަ ރަނގަޅުކަމުން، ކުޑަމިނުން ކިޔަވާ ނިމެންދެން އެ ގޭގައި ހުންނަން އަހަރެން ބޭނުމެވެ. އެހެންވެ، ހަމީދުބެގެ ކޮޓަރި ހުރަސް ކުރަނިކޮށް އަހަންނަށް ކޮޓަރިން ފެނުނު މަންޒަރު، ނުފެންނަ ކަމަށް ހެދީ އެވެ. އިވުނު އަޑު ނީވުނުކަމަށް ހެދީ އެވެ. އެއީ، ނޭނގި ނަމަވެސް އަހަންނަށް ދެވުނު ފެހި ސިގުނަލެކެވެ. ލެޕްޓޮޕުން އެ ފަހަރު ފެންނަމުންދިޔަ މަންޒަރާއި، އިވުނު އަޑާއި، ކޮޓަރީގެ ހުޅުވިފައިވާ ދޮރަކީ، ސީދާ އަހަންނަށް ހަމީދުބެ ދީފައިވާ ދަޢުވަތެކެވެ. އެހެން ނޫން ނަމަ، ބޮޑުދައިތަ އާއި ޝިރުމީނާ ގޭގައި ނޫޅޭ ވަގުތަކަށް ވުމާއި، އަހަރެން އުޅޭ ވަގުތަކަށް ވުމާއި، ލެޕްޓޮޕްގެ އަޑު ގަދަވުމާއި، ދޮރު ހުޅުވިފައި ހުރުން އިއްތިފާގެއް ނުވީހެވެ.
ކަމެއް ނުފެންނަކަމަށް ހެދުމުން އެ ކަން ތަކުރާރެއް ނުވާނޭ އަހަރެން ހީކުރީ ކީއްވެގެން ހެއްޔެވެ؟ ދެ ވަނަ ފަހަރު، އެ ކޮޓަރި ހުރަސްކުރުމުގެ ކުރިން ]އެ އަޑުތައް[ އަހަންނަށް އިވުނެވެ. ކުރީ ދުވަހަށް ވުރެ އަޑުގަދަ އެވެ. ދޮރު ހުޅުވާފައިވާލެއް ވެސް ބޮޑެވެ. ވަރަށް މުޑުދާރު ނިޔަތެއް ނެތް ނަމަ، އެ ފަދަ ކަމެއް މީހަކު ނުކުރާނެކަން އެނގޭހާ އަހަރެންގެ އުމުރު ދޮއްޓެވެ. ބޭރު ދޮރާ ހަމަ އަށް ދެވޭނީ ހަމީދުބެގެ ކޮޓަރި ހުރަސްކޮށްފަ އެވެ. ސްކޫލަށް ދިޔުމުގެ ކުރިން، ފޮތެއް ގަތުން ވަރަށް މުހިންމެވެ. އެކަމަކު ވެސް، އަހަރެންގެ ކޮޓަރިން ނުނިކުމެ އަހަރެން ހުރީ އެވެ. މައްސަލައަކަށް ނުހަދައި މައްސަލަ ޙައްލު ކުރުމުގެ ބޭނުމުގަ އެވެ. އެއީ ވެސް މޮޔަ ވިސްނުމެކެވެ. އަހަންނަށް ދެވުނު ދެ ވަނަ ފެހި ސިގުނަލް ވެސް މެއެވެ. އަހަންނަށް ކުރެވުނު ކުށަކީ، ހަމީދުބެގެ ވިޔާނުދާ ޢަމަލުތައް ބޮޑުދައިތަ އަށް ސިއްރުކުރުމެވެ.
"ބޮޑުދައިތަ ގާތުގަ ބުނޭ!" ސްކޫލުގައި އަހަންނާ އެންމެ ގާތްކޮށް އުޅޭ އެކުވެރިޔާ ބުންޏެވެ. "ތި ދާ ވަރުން ދަންޏާ ޒަމީގެ ގަޔަށްބޮލަށް ވެސް އޭނަ އަރާނެ."
"އަހަރެން ބުނާ އެއްޗެއް ބޮޑުދައިތަ ގަބޫލުކުރާނެތަ؟" އަހަރެން އެހީމެވެ. "މަގޭ ހިތަށްއަރަނީ، ބޮޑުދައިތަ ގަބޫލުކުރިޔަސް މަ ޖެހޭނީ ރަށަށް ދާށޭ، ނުކުރިޔަސް ޖެހޭނީ ރަށަށް ދާށޭ. ގަބޫލުކޮށްފިއްޔާ މަ ސަލާމަތްކުރަން ރަށަށް ފޮނުވާލާނީ. ނުކޮށްފިއްޔާ ރުޅިއައިސްގެން ފޮނުވާލާނީ. މަ ހާދަ ބޭނުމޭ ކިޔަވަން. ރިޒަލްޓުތައް ވެސް ކިހާ ރަނގަޅު. ކިހާ ބޮޑު ކަމެއް އަޅެ މަށަށް މި ދިމާވީ! މާލޭގެ އެހެން ގޭގޭގަ ވެސް އެބަ ގެންގުޅޭ ނުލާހިކު ރީތި ކުދިން. ބޭރު ކުދިން ވެސް ބައިވަރު އެބަ އުޅޭ. ކީއްވެގެންތަ ހަމަ އެކަނި މަށަށް މި ކަމެއް މި ލައިގަތީ؟"
"ޒަމީ!" މާޔޫސްކަމާ އެކުގައި އެކުވެރިޔާ ބުންޏެވެ. "އެންމެން ތި ކަހަލަ ވާހަކަ ޝެއާއެއް ނުކުރާނެ. އެކަމަކު ކަންތައް އޮންނަނީ ހަމަ ތިހެން. މިސާލަކަށް ބަލައިބަލަ މަ މި އުޅޭ ގެ. އެ ގޭގެ ވެރިމީހާ މަށާ އަޅައިގަތީ. ނުލާހިކު މަތީ ވަޒީފާއެއްގަ އޭނަ އުޅެނީ ވެސް. އަދި އެއީ ފަސް ކުދިންގެ ބައްޕައެއް. މަ ހީކުރީ، ކިޔެވުމަށްޓަކާ އެ ކަހަލަ ކަންކަމަށް ކެތްކުރާށޭ ޖެހޭނީ. އެކަމަކު މިހާރު އެނގެނީ މަށަށް ނިންމުނީ ކިހާ ނުބައި ނިންމުމެއްކަން. ކިޔަވަން އެ ވަރުގެ އަގެއް ދިނުމަށް ވުރެ ނުކިޔަވާ ރަށަށް ގޮސް މީހަކާ އިނަސް މާ ރަނގަޅު ވާނެ."
އަހަރެންނަށް ނިންމަންޖެހުނީ އުނދަގޫ ނިންމުމެކެވެ. އަހަރެންގެ އެކުވެރިޔާ ދިން އަގު ދީފައި އަހަރެން ވެސް ކިޔަވަން ހުންނަންވީ ހެއްޔެވެ؟ މީހަކަށް އެކައްޗެއް ވެސް ނޭނގޭނެ އެވެ. ހުރިހާ މައްސަލައެއް ޙައްލުވީ އެވެ. ނުވަތަ، ކުރި ހުރިހާ އުންމީދެއް ފެނަށް ހަދާލާފައި، އަތް ފޮޅާލާފައި ރަށަށް ދާންވީ ހެއްޔެވެ؟ ކުރިން އުޅުނު ދަތި ހާލުގައި އުޅެންވީ ހެއްޔެވެ؟ އަހަރެން މާލެ އަށް އައީ، މައިންބަފައިންގެ ވެސް ވަރަށް ފޮނި ހުވަފެންތަކެއް ހިފައިގެންނެވެ. އެނބުރި ގޮސް އެ މީހުން މާޔޫސްކޮށްލަންވީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންގެ ހިތް ބުންޏެވެ. އަދި ވެސް އަހަރެން މަސައްކަތް ކުރާނީ މާލޭގައި ހުރެގެން ކިޔެވޭތޯ އެވެ. އެއީ ކިހާ އުނދަގޫކަމެއްކަން އަހަންނަށް ނުވިސްނުނީ އެވެ.
އަހަންނަށް ދެއްކި މަންޒަރުތަކުގެ ޝަކުވާ ބޮޑުދައިތަ އަށް އަހަރެން ނުއުފުލުމުން ހަމީދުބޭ ދުށީ މަގު އަމާންވީ ކަމަށެވެ. އަހަރެންގެ ރުހުން ލިބުނީކަމަށެވެ. ބަދަލުގައި އަހަރެންގެ ފަރާތުން އިޝާރާތެއް ނުލިބުނީ، އަހަރެންގެ ލަދުވެތިކަމުގެ ފަރުދާ ބޯކަމުން ކަމަށް ވެސް އޭނަ ނިންމި އެވެ. ހަމަ އެއާއެކު، އެ ފަރުދާ ތުނިކުރުމުގެ މަސައްކަތް ވެސް އޭނަ ފެށި އެވެ.
"ޒަމީ!" ހަމީދުބޭގެ އަޑު އަހަންނަށް އިވުނެވެ.
ވަގުތަކީ، ގޭގައި ހުންނަން އަހަރެން އެންމެ ޖެހިލުންވާ ވަގުތެވެ. އެ ކޮޓަރި އަށް ވަންނަން އެންމެ ބޭނުން ނުވާ ވަގުތެވެ. ބޮޑުދައިތަ ގޭގައި ނޫޅެންޏާ އަހަރެން ބަލަނީ ހަމީދުބޭގެ ކޮޓަރި ހުރަސް ނުކޮށް ފަރުޖެއްސޭތޯ އެވެ. އެހެންނަމަވެސް އަހަންނަށް ގޮވުމުން އެ ކޮޓަރި އަށް ދާން މަޖުބޫރުވި އެވެ. ކޮޓަރީގެ ދޮރުމައްޗަށް ނޭރެނީސް، ފޭރާމުން އެކަހެރި ވެފައިވާ ހަމީދުބޭ ބަލަހައްޓައިގެން ހުއްޓައި އަހަންނަށް ފެނުނެވެ. އަހަރެން އަނބުރާލާފައި ދިޔައީ އެވެ. އެ ދުވަހަކީ އަހަރެން ވަރަށް ބިރުގަތް ދުވަހެކެވެ. ލަދުގަތް ދުވަހެކެވެ. ދެރަވި ދުވަހެއް ވެސް މެއެވެ.
ބޮޑުދައިތައާ ހަމަ އަށް މައްސަލަ ގެންދިޔައީމެވެ. ކަންތައް ވެގެން ދިޔައީ އަހަރެން ހައިރާންވާ ކަހަލަ ގޮތަކަށެވެ. ބޮޑުދައިތަ ގަބޫލެއް ނުކުރި އެވެ. އެކަމަކު، އަހަރެން ރަށަށް ފޮނުވާލާ ޚިޔާލެއް ވެސް ނުކުރި އެވެ. ސަބަބު އަހަންނަށް އެނގުނީ ފަހުންނެވެ. ބޮޑުދައިތަ އިސްނަގައި އަހަރެން ރަށަށް ފޮނުވާލައިފިއްޔާ، މީހުންނަށް ބޮޑުދައިތަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އިތުރަށް އަހަންނަށް އެނގުނު ގޮތުގައި، އެއީ އެ ގޭގައި ހިނގި އެ ފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. ވުމާއެކު، އަހަންނަށް އިހުސާސް ކުރެވުނީ، އަހަންނަކީ ބުޅަލަށް ކާންދޭ ގެނެސްފައިވާ މުސަޅެއް ކަމުގަ އެވެ.
ހަމީދުބޭގެ ގޯނާ އިންތިހާ އަށް ބޮޑުވި އެވެ. މުޑުދާރު ވާހަކަތައް ދައްކަންފެށި އެވެ. ބިރުދައްކަންފެށި އެވެ. އެންމެ ފަހުން، އަހަރެން ބިނާކުރި ހުވަފެނުގެ ގަނޑުވަރު ފުނޑުކޮށްލާފައި، އިއްފަތްތެރިކަން ސަލާމަތްކޮށްގެން ރަށަށް އައީ އެވެ. މީހަކާ އިނީ އެވެ. މައިންބަފައިން ވަރަށް ގިނަ ސުވާލުކުރި އެވެ.
"ހަމަ ފޫހިވީ!" އަހަރެންގެ ހަމަ އެކަނި ޖަވާބަކީ އެއީ އެވެ.
މިއަދު އަހަންނަކީ ފަސް ދަރިންގެ މަންމައެކެވެ. ފިރިމީހާ އަށް ލިބޭ އާމްދަނީން ކިރިޔާ ދެކޮޅުޖެހޭ ކަމެވެ. ޙަޤީޤަތުގައި އަހަންނަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. ރަނގަޅު ތަޢުލީމާއި، ބާއްޖަވެރި ދިރިއުޅުމެއް ވެސް ހޯދުނީހެވެ. އަހަރެންގެ ނަސީބުގެ ނާރު ބުރިކޮށްލީ ހަމީދުބެ އެވެ. ނޫނެކެވެ. ބޮޑުދައިތަ އެވެ. ފިރިންގެ މުޑުދާރު ފިޔަވަޅުތައް ފުހެދިނުމުގެ ނަތީޖާ އަކީ ހަމީދުބެ އެވެ. ނުވަތަ އެ ކަހަލަ އެހެން ހަމީދެކެވެ. އާޚިރު ނަތީޖާ އަކީ އަހަންނެވެ. ނުވަތަ އަހަރެން ކަހަލަ އެހެން ޒަމީއެކެވެ.
ނިމުނީ

You Might Also Like

0 comments: