ވާނީ މިހެންބާ؟

21:44 sondhu 0 Comments


އެމެރިކާ އާއި ރަޝިޔާ، އެންމެ ފަހުން ހަނގުރާމަ ފެށީ އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި، ބޮޑެތި އެހެން ބާރުތައް އެމެރިކާއާ ގުޅުނެވެ. އިސްލާމީ ޤައުމުތައް ރަޝިޔާއާ ގުޅުނެވެ. އޭރު ރާއްޖެ އޮތީ ބަނޑަށްޖެހިފަ އެވެ. ތެޔޮ ލިބެ އެވެ. އެކަމަކު ލިބޭލެއް މަދުވެފައި، ރަނަށް ވުރެ އަގުބޮޑެވެ. ހުޅުލޭގެ އެއާޕޯޓަށް ބޯޓެއް ނުޖައްސާތާ ދޮޅު އަހަރު ވެއްޖެ އެވެ. ރަންބިސް އަޅާ ކުކުޅު ކަތިލައިގެން ކޭތާ ކިތަންމެ ދުވަހެކެވެ. ކާނާ އާއި ބޭސް އެތެރެކުރާ ހުރިހާ މަގެއް ބަންދުވެއްޖެ އެވެ.



މުޅި މާލެ އަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ބާވެފައިވާ ސަރުކާރުގެ އުޅަނދެއް، ފަހަރެއްގައި ހިނގައިދާނެ އެވެ. އެއީ، މަގުމަތީގައި ކުނިވާ ގަބުރުތައް ނަގާ ބައެކެވެ. އެކަން ވެސް އޮންނަނީ ނުވެފަ އެވެ. ދިރޭ ގަބުރެއްހެން ހިނގަމުން، މަޖީދީމަގުން ހުޅަނގަށް އަހަރެން ދިޔައީމެވެ. ދެ އަތް އުރާލައިގެން ގޭގައި އޮވެ މަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ އަނބިދަރިން ނިޔާވީ އެވެ. ކޮންމެކޮންމެ އެއްޗެއް ކާކަށް އެ މީހުންނަކަށް ނުކެރުނެވެ. އަހަރެން ދިރިހުރުމުގެ ސިއްރަކީ، ޖެހުނު ކޮންމެ އެއްޗެއް ކެއުމެވެ. މާލޭގެ މަގުތައް ކުންޏެއް ނުކަހަ އެވެ. މުޅި ރަށުތެރެ އޮތީ، ދަބަރަށް ވަމުންދާ އިންޖީނުލީ އުޅަނދުތަކުން ފުރިފަ އެވެ. ބަލިމަޑުކަން އާންމުވުމާއި، ހައިހޫނުކަމުގެ ސަބަބުން، ހެލިފެލިވާނެ ހިތްވަރެއް، މަދު މީހެއްގެ ނޫނީ ނެތެވެ.
އެއްފަރާތުން މީހަކު ކުކުރާލި އަޑަށް އަހަރެން ބަލައިލީމެވެ. ފާރުބުޑުގައި މީހަކު ވެއްޓިފައި އޮތެވެ. އޭނަ ގާތަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނާ އެދޭނީ ކާ އެތިކޮޅަކަށެވެ. ނުވަތަ ފެންފޮދަކަށެވެ. އަހަންނަކަށް އެއެއް ނުދެވޭނެ އެވެ.
"އައްދޯއި!" މަޑުމަޑުން އޭނާ ބުނި އަޑު އަހަންނަށް އިވުނެވެ. "އަލިފުޅާ!"
އެ އަޑު ކުޑަކޮށް ދަންނަހެން ހީވި އެވެ. އަހަރެން ރަނގަޅަށް ބަލައިލީމެވެ. އެއީ އަހަރެންގެ ބައްޕަ އެވެ. ދެން ވިސްނުނެވެ. އޭނާ ގޮވީ އަލިފުޅާއެކޭ ނޫނެވެ. ދަރިފުޅާ އެވެ. އަހަރެންގެ ބައްޕައެއް ހުރޭތާއޭ އަހަރެންގެ ހިތަށްއެރި އެވެ. ޙަޤީޤަތުގައި، މައިންބަފައިން މަތިން ހަނދާން ހުންނަނީ، އެ މީހުންގެ ބޭނުން ޖެހޭތީ އެވެ. އަހަރެން އަމިއްލަ އަށް އުޅޭތާ ކިތަންމެ ޒަމާނެކެވެ. އަހަރެން ގޮސް ބައްޕަ ގާތަށް ހުއްޓިލީމެވެ.
"ފެންފޮދެއް." ބައްޕަ ބުންޏެވެ.
އަހަރެން އަނެއްކާވެސް ހިނގައިގަތީމެވެ. އަހަރެންގެ ހާލު ބައްޕައަށް ނުފެންނަނީ ހެއްޔެވެ؟ ކަށިގަނޑާއި ހަންގަނޑު ފިޔަވައި އެހެން އެއްޗެއް ނެތެވެ. ބާވެގެން ތަތްތެޅިފައިވާ ގަމީހަކާއި ސޯޓެއް ލައިގެން ހުއްޓަކަސް، އެއީ ފޭރާމަކަށް ނުފުދެ އެވެ. ތަންކޮޅަކަށް ގޮސްފައި، ވަރުބަލިވެގެން ކުރިއަށް ނުހިނގުމުން އަހަރެން ހުއްޓުނީމެވެ. ފަޅުވެފައި ހުރި ފިހާރައެއްގެ ތަޅުންގަނޑުގައި އިށީނީމެވެ. އެވަގުތު، ކުރިމަތީގައި ހުރި ފިހާރަ އަށް އަހަންނަށް ބަލައިލެވުނެވެ. އެއީ، އެއް ޒަމާނެއްގައި މާލޭގައި ހުރި އެންމެ ތިޔާގި އެއް ފިހާރަ އެވެ. އަހަރެންގެ މުނާ އަކީ، އެ ފިހާރައިގެ ސޭޓުގެ ދަރިއެކެވެ. ވަރަށް ގިނައިން ފިހާރައިގައި ވެސް އިންނާނެ އެވެ.
މުނާ އަކީ ވަރަށް ރީތި ކުއްޖެކެވެ. އެންމެ ފުރަތަމަ އޭނާ ފެނުނު ދުވަހު އޭނާ ދެކެ އަހަންނަށް ލޯބިވެވުނެވެ. އޭރު އަހަރެންގެ އުމުރުން ވާނީ ތޭރަ އަހަރެވެ. ދުވަސްވަރަކީ، ސިޔާސީ އޮއިވަރެއްގެ ތެރޭގައި ދިވެހިން އުޅުނު ދުވަސްވަރެވެ. އެ ނޫން ކަމެއް ދިވެހިންނަކަށް ނޭނގެ އެވެ. ނުވިސްނަ އެވެ. ތަދުމަޑުކަމެއް އަންނަން އުޅޭ ކަމުގެ ވާހަކަ، އޭރު ވެސް ތަޖުރިބާކާރުން ކިއެވެ. މުނާ އަށް ލޯބި ހުށައަޅަންއަޅަން ހުއްޓައި، ރާއްޖެ ބަނޑަށް ޖެހުނީ އެވެ. ހިތަށްއެރި އެވެ. އެ ގެ އަށް ވަދެލަންވީބާ އެވެ؟ ދެން ހިތަށްއެރި އެވެ. އިންސާނެއްހެން އަހަރެން ހުރިއިރު މުނާގެ ކުރިމައްޗަށް އަންނަން ނުކެރިފައި، ޖަނަވާރަކަށް ވުމުން ދެން ދާންވީ ކީއްކުރަން ހެއްޔެވެ؟ މިއަދު މުނާއަކީ ވެސް ކާނެ އިތުރު އަނގައެކެވެ. އަމިއްލަ ފުރާނަ ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް ނެތް ދުނިޔެއެއްގައި، އެހެން އުންމީދެއްގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
ވަރުބަލި ފިލުވާލުމަށް ފަހު، އަނެއްކާވެސް އަހަރެން ހިނގައިގަތީމެވެ. ހުޅަނގު ފަރާތު ތޮށިގަނޑު މައްޗަށް އެރީމެވެ. ފަލިޖަހައިގެން ދުއްވާ ކުދި ދޯންޏާއި، ބައެއް ރިޔަލު ދޯނި، ވަރަށް ދުރުން ފެނެ އެވެ. އަހަރެން އެހެން ދިމަދިމާ އަށް ނަޒަރުހިންގާލީމެވެ. ކަކުންޏެއް ފެނޭތޯ އެވެ. އަހަރެންގެ ސޯޓުން ހުދު ރޮދިކޮޅެއް ނެގީމެވެ. އަދި ޖީބުގައި އޮތް އެންމެ ހިމަ ކަންވާރު ނެގީމެވެ. އޭގައިވާ ކުޑަކުޑަ ބުޅީގައި، ރޮދިކޮޅު އައްސާލުމަށް ފަހު، އެންމެ ގަދައަށް ފެހިޖަހާފައިވާ ގެރިގަލުގައި ރަނގަޅަށް ހާކާލުމަށް ފަހު، ގާތަކުގެ ތެރެއަށް ބުޅި ތިރިކޮށްލީމެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި، ކުޑަކުޑަ ކަކުންޏެއް އަތުޖެހުނެވެ. ފަލަ ކަންވާރުކޮޅުގައިވާ ބޮޑު ބުޅީގައި ކަކުނި އެޅުވުމަށް ފަހު މޫދަށް ތިރިކޮށްލީމެވެ.
ކުޑަ ފާނައެއް ފިޔަވައި އެއްވެސް އެއްޗެއް އެ ދުވަހަކު އަތެއްނުޖެހުނެވެ. އެ ތަނުގައި އިނދެގެން، އޭގެ އެއްބައި ކާލިތަނާ، ހިރުގަނޑަށް ކައްޓެއް ހެރުނެވެ. މަހުގެ އަނެއް ބައި ޖީބަށް ލައިގެން ގެއާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ހައިހޫނުކަމުގެ އެއްވެސް މިންވަރެއް ކުޑަވިހެނެއް ހިއެއްނުވެ އެވެ. އެހެންނަމަވެސް، ފަހަށް ރައްކާނުކޮށްފި ނަމަ، އެހެން ބަޔަކަށް ފެންނާނީ އަހަރެން ވެސް މަގެއްގެ އެއް ފަރާތުގައި މަރުވެފައި އޮއްވަ އެވެ.
ހިރުގަނޑަށް ތަދުވާ ވަރުން، ކަށި ފެނޭތޯ ބެލުމަށްޓަކައި، ކާރެއްގެ ލޯގަނޑު ކައިރި އަށް ގުދުވެލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޒަމާންތަކަކަށް ފަހު، ލޯގަނޑުން މޫނު ބަލައިލުމުން އަހަންނަށް ފެނުނީ މުޅިން އެހެން މީހެކެވެ. އަހަރެންގެ އިސްތަށިގަނޑާއި، ތުނބުޅި މަތިމަސް ހުރީ ދިގުވެފަ އެވެ. ބޮޑު ބައި ނުރަވެފަ އެވެ. ދެ ލޯ ވަޅުވަދެފަ އެވެ. ތަންކޮޅެއް އަވަސް ގޮތަކަށް ހިރުގަނޑުން ކަށި ނައްޓާލައިގެން ހިންދަމާލިތަނާ، އެ ކާރުގެ އެތެރެއިން އިސްތަށިގަނޑެއް ފެނުނުހެން އަހަންނަށް ހީވި އެވެ. އެ ވަގުތު ވެސް ހަނދާންވީ މުނާ އެވެ. އޭނާގެ އިސްތަށިގަނޑު ވަރަށް ދިގުވާނެ އެވެ. އަހަރެން ވިސްނާލީމެވެ. ކާރުގެ ދޮރުން ބޯދިއްކޮށްލީމެވެ. ތެދުވާނެ ހިތްވަރު ނެތިފައި އޭގެ ތެރޭގައި އޮތީ ފިރިހެނެކެވެ. އަހަންނަށް ފެނުނީ އޭނާގެ އިސްތަށިގަނޑެވެ. ދެން ހިތަށްއެރި އެވެ. އަހަރެން އަދި ވެސް މި ހުންނަނީ ހާދަހާ ވަރެއްވެފަ އެވެ.
އެ ރެ އަކީ ވަރަށް ވިއްސާރަ ރެއެކެވެ. މަގުތައް ފެންބޮޑުވި އެވެ. ފެން ހިއްކާނެ މީހެއް ނެތެވެ. ކިރިޔާ ވެސް ގައިގައި ވަރެއް ހުރި މީހެއް ވިއްޔާ، ކޮންމެވެސް ގޮތަކުން ފެންފޮދެއް ރައްކާކުރެވޭތޯ ބެލި އެވެ. އަހަންނަކަށް ނުނިދުނެވެ. ބަނޑުހައިވެފައިވާލެއް ބޮޑުކަމުންނެވެ. ދުވާލު ހިފުނު މަހުގެ އަނެއް ފަޅި ކާލީމެވެ. ރަހަ ނުބައިވެފައިވާހެން ވެސް ހީވި އެވެ. އެކަމަކު، ތެދަށް ބުނާ ނަމަ، ރަހަ ވަކިކުރަން އަހަންނަށް އެހާ ފަސޭހައެއް ނޫނެވެ.
އަހަރެން މަގުމައްޗަށް ނުކުތީމެވެ. ރަށުތެރެ ވަނީ ވަސްނުބައިވެފަ އެވެ. އެއްވެސް އަލިކަމެއް ނެތެވެ. ބައެއް ގޭގޭގަ އާއި މަގުމަތީގައި ހުރި ރުއްތަކުގައި ކާށި ހުރެ އެވެ. ރުކަށް އަރާނެ ހިތްވަރު ނުލިބެން ފެށި ފަހުން ހަރުވި ހުރިހާ ކާއްޓެއް ހުރީ ރުކުގަ އެވެ. ވައި ބާރުވުމުން ބިންމައްޗަށް ވެއްޓެ އެވެ. އަހަރެން ބޭރަށް ނުކުތް އުންމީދަކީ އެއީ އެވެ. ވިދުވަރުގެ އަލިން އެހީ ހޯދަމުން އަހަރެން ހިނގީމެވެ. ދެ ކާށި އަހަންނަށް ލިބުނެވެ.
އެއް ފަޅި ކާށި ކައިގެން ވަރަށް ގަދަ އަށް އަހަންނަށް ނިދުނެވެ. ހެނދުނު ހޭލައިގެން ނުކުތްއިރު، ދޮރުމަތީގައި އަންހެންކުއްޖަކު ވެއްޓިފައި އޮތެވެ. އެ ގޮތަށް ވެއްޓިފައި އޮންނަ މީހުންގެ ގައިގައި އަހަރެން އަތެއްނުލަމެވެ. އެކަމަކު، އެކުއްޖާގެ އިސްތަށިގަނޑު ދިގުކަމުން އަނެއްކާވެސް ހިތަށްއެރި އެވެ. އެއީ މުނާ ހެއްޔެވެ؟ ވަރަށް ހިތްވަރުކޮށްފައި ކައިރި އަށް އައިއިރު، އެއީ ނުވެސް ދަންނަ ކުއްޖެކެވެ. އޮތް ތަނުގައި ބާއްވާފައި އަހަރެން ހިނގައިގަތީމެވެ. އެނބުރި އަންނައިރު ނޯންނާނެކަމަށް އުންމީދުކުރަމުންނެވެ.
މަހެއް ލިބޭތޯ ދިޔަ މަގުމަތީގައި، އެ ދުވަހު އަހަރެން މުނާގެ ގެ ކައިރި އަށް މަޑުކޮށްލީމެވެ. މާ ބޮޑަށް އޭނާ މަތިން ހަނދާންވާތީ އެވެ. އެ ގެ އޮތީ ފަޅުވެފަ އެވެ.
"މުނާ!" އަހަރެން ގޮވާލީމެވެ.
ދެތިން ފަހަރަކު ގޮވާލުމުން، ދޮރެއް ހުޅުވާލާފައި އަންހެނަކު ބޯދިއްކޮށްލި އެވެ.
"މި ގެއަކު ނެތް ކާ އެއްޗެއް،" އޭނަ ބުންޏެވެ. "އެކައްޗެއް ވެސް ނެތް."
އަހަންނަށް އެނގުނީ އަޑުންނެވެ. އެއީ މުނާ އެވެ. އޭނާ ހުރީ ވަރަށް ތަފާތުވެފަ އެވެ. ދިގު އިސްތަށިގަނޑެއް ނެތެވެ. ފައިވާނަށް ވެސް ނާރާ، ދޮރުކަނީގައި ލެނގިލައިގެން، ވަރުދެރަވެފައި އޭނާ ހުއްޓެވެ. އެ ގެ އޮތީ ހުސްވެފަ އެވެ.
"އަދި ވެސް ހުރީތަ؟" އޭނާ އެހި އެވެ.
އަހަރެން ނުކުތީމެވެ. އެކަމަކު ސިކުނޑިން އެ ހަނދާންތަކެއް ނުފިލި އެވެ. ކުރިން އަހަރެން ވަރަށް ގިނައިން އެ ފިހާރަ އަށް ދަމެވެ. މުނާގެ ހަރަކާތްތައް ސިއްރުން ބަލަމެވެ. ހާލަތު ބަދަލުވެއްޖެ އެވެ. ދުނިޔެ ބަދަލުވެއްޖެ އެވެ. ހަމައެކަނި ބަދަލުނުވީ އަހަރެންގެ ހިތެވެ. ކުރިން ހީކުރީ އަހަންނަށް ލޯބިވެވުނީ އަންހެންކުއްޖެއްގެ ސިފަ ދެކެ ކަމަށެވެ. އެހެނެއް ވެސް ނުވި އެވެ.
އެ ދުވަހު އަހަންނަށް ބޮޑު މަހެއް އަތުޖެހުނެވެ. އެއީ އަހަރެންގެ ހަނދާނުގައި ވެސް ބޭނުނު އެންމެ ބޮޑު މަހެވެ. މަސް ފޮރުވުމަށްޓަކައި ގަމީހަށް ލައި އޮޅާލައިގެން ހިނގައިގަތީމެވެ. މަހުގެ އެންމެ އެތިކޮޅެއް ވެސް މީހަކަށް ދޭކަށް އަހަރެންގެ ސިކުނޑި އެއްބަހެއް ނުވެ އެވެ. އެކަމަކު މުނާގެ ގެއާ ހަމަވާއިރަށް އަހަރެންގެ ފައިގައި ހިލިހިލާ ޖެހިއްޖެ އެވެ. އަހަރެންގެ އެހީގައި، އަދި އިތުރު ދުވަހަކު މުނާ އަށް ދިރިހުރެވިދާނެ އެވެ. ނިސްބަތުން އެއީ ބޮޑު އެއްޗެއް ނޫނެވެ. އެހެންނަމަވެސް، އަހަންނަށް ދެވޭނީ އެހެން ކޯޗެއް ހެއްޔެވެ؟ ރާއްޖެ ބަނޑަށް ޖެހުނަސް، ލޯބި މަރެއްނުވެ އެވެ. އެއީ ނަސީބެކެވެ. އަހަރެން އެ ގެ އަށް ވަނީމެވެ. މުނާގެ ކުރިމައްޗަށް ހުއްޓުނީމެވެ.
"ބުނީމެއްނު މި ގެއަކު ނެތޭ އެކައްޗެއް ވެސް." އޭނަ ރުޅިއައިސްފައި ބުންޏެވެ.
އަހަރެން ގެނައި ހަދިޔާ ދައްކާލީމެވެ. އެފަދަ ދުވަސްވަރެއްގައި، ވަރަށް ޚާއްޞަ މީހަކަށް މެނުވީ، އެފަދަ އެއްޗެއް މީހަކު ނުދޭނެ އެވެ. ކިރިޔާ ވެސް ބުއްދި ސަލާމަތުން ހުރި މީހަކަށް އެކަން އެނގޭނެ އެވެ.
"މީ މުނާ އަށް ގެނައި އެއްޗެއް." އަހަރެން ބުނީމެވެ.
"ތީ ކާކު؟" އޭނާ އެހި އެވެ.
ކުއްލިއަކަށް ބަޔަކު އައިސް އަރައިގަތެވެ. ސިއްސައިގެން ގޮސްފައި އަހަންނަށް ހޭލެވުނެވެ. އަހަރެން އޮތީ ދާހިތްލާ ފޯވެފަ އެވެ. މައިނޭވާލެވިފަ އެވެ. ބަނޑުހައިވެފަ އެވެ. އެއީ 2009 ވަނަ އަހަރެވެ. ހުވަފެނުން ދުށް އެއްވެސް ކަމެއް، ނަސީބަކުން ޙަޤީޤަތަކަށް ނުވެ އެވެ. ވަރަށް ގިނައިރު އަހަރެން ވިސްނަން އިނީމެވެ. ހިތަށްއެރި އެވެ. އަހަރުމެންނަށް އެހެން ވެދާނެބާ އެވެ؟ އެކަމުގެ އެއްވެސް އަލާމާތެއް ނުވަތަ ސިގުނަލެއް ވާން ފަށައިފިބާ އެވެ؟ ދުނިޔެ މި ދަނީ ކޮން މިސްރާބަކަށް ބާ އެވެ؟
ނިމުނީ

You Might Also Like

0 comments: