މަގޭ ނާނާ

01:18 sondhu 0 Comments

ދަރިފުޅު ސްކޫލަށް ގެންދިޔުމަށްޓަކައި ހޭލެއްވުން އެކަނި ވެސް އެއީ އަހަރެން ވަރުބަލިކޮށްލާ ކަމެކެވެ. އެކަމަކު، އެ ހިސާބުން އަދިކިރިޔާ ފެށުނީ އެވެ. ފަތިހު އޭނަ ގައިގަ ފެންފޮދެއް ޖެއްސުން އެއީ ހަނގުރާމައެކެވެ. ދަތްއުނގުޅުވަން އެހާ އުނދަގުލެވެ. އެ ހުރިހާ ކަމަކަށް ފަހު ކުރިމަތިލާންވީ ސައިދިނުމާ އެވެ. ހެނދުނު އެއްޗެއް ނުދީ ސްކޫލަށް ނުފޮނުވަން އެންގުން އެއީ ކިހާ ފަސޭހަކަމެއް ހެއްޔެވެ؟ ސަނާ ކާން ބޭނުންވާ އެކައްޗެއް ވެސް ނޯވެއެވެ. ކޮންމެ ރޮޅިކޮޅެއް އަނގަ އަށް ލުމަށްޓަކައި އަނގަހުޅުވަން ބުނަންޖެހެ އެވެ. އެ ރޮށިކޮޅު އަނގަ އަށް ލައިގެން، އިނދެވޭ އެންމެ ގިނައިރު އޭނަ އިންނާނެ އެވެ.
ރުޅިމަޑުކޮށް، ހައްޓަށް ލުއިކޮށްލުމަށްޓަކައި ގެ އަށް ކުއްޖަކު ގެނައީމެވެ. ހަމައެކަނި ސަނާގެ ކަންތައް ބެލެހެއްޓުމަށްޓަކާ އެވެ. އެ ކަމެއް ނުވި އެވެ. ދެ ކުދިން ގެނެސްގެން، އެންމެ ކުއްޖެއް ވެސް ގެއަކު ހަރެއް ނުލި އެވެ. ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާ ހުންނާކަށް އެކަކު ވެސް ބޭނުމެއް ނުވި އެވެ.
އަހަރެންގެ ދަރިފުޅުގެ އުމުރުން ހަތް އަހަރު ފުރެނީ އެވެ. ނުކައި ދުނިޔޭގައި ނޫޅެވޭނެކަން އޭނަ އަށް ނުވިސްނި ހުންނާނެ ހެއްޔެވެ؟ މީހުން ބުނާ އަޑު އިވިފައިވަނީ، ބޮޑަށް ހަލަނިވާނީ ފިރިހެންކުދިން ކަމުގަ އެވެ. އަހަރެންނަށް ލިބުނީ އަންހެންކުއްޖެކެވެ. ތަފާތެއް ކޮބާބާއޭ ހިތަށްއަރައެވެ. ކިޔޭ ނަމެއްގެ ސަބަބުން ކުދިންގެ މިޒާޖަށް ބަދަލުއާދެއޭ ބުނާތީ، ދަރިފުޅުގެ ނަން ބަދަލުކުރަން ވެސް އަހަރެން ވިސްނީމެވެ. އެކަމަކު، ފިރިމީހާ އެއްބަހެއް ނުވި އެވެ. އޭނަ ބުނާ ގޮތުގައި، އައިޝަތު ސަނާ އަކީ ރީތި ނަމެކެވެ. އެއީ ތެދެއްކަމަށް އަހަރެން ވެސް އެއްބަސްވަމެވެ. އެއީ ނަމުގެ މައްސަލައެއް ނޫނެވެ. ސަނާ ހަމަ ބަސްނާހަނީ އެވެ. އަހަންނަކީ އޭނަގެ މަންމަ އެވެ. އެކަމަކު، ބައެއް ދުވަސްދުވަހު އަހަރެން ރޮއްވާލަ އެވެ. ޔުނީފޯމު ލެވޭނީ އެއް ދުވަހު އެވެ. ކޮންމެވެސް ކުލައެއް ނޫނީ ލައްގަނޑެއް އޭގައި ޖައްސާނެ އެވެ. ކޮންމެ ދުވަހަކަށް ޔުނީފޯމެއް ތައްޔާރުކުރުން އެއީ ކާކަށް ކުޅަދާނަވާނެ ކަމެއް ހެއްޔެވެ؟

"ކުޑަކުދިން އާންމުކޮށް އުޅޭނީ އެހެން." އަހަންނަށް ހިތްވަރުދިނުމަށްޓަކައި ފިރިމީހާ ބުނެއެވެ.
ސަނާ އަކީ އެންމެ ހަގު ދަރިފުޅެވެ. ފިރިމީހާ އެ ބުނަނީ ތެދެއްކަމަށް ވަންޏާ، ދޮށީ ދެބެން ގެންގުޅެން އަހަންނަށް އުނދަގޫ ނުވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ދެކޭގޮތުގައި ސަނާ ބަސްނާހަނީ އެވެ. ބޯހަރީ އެވެ. އަހަންނަށް ޖެއްސުންކުރަން ބޭނުންވަނީ އެވެ. އަހަރެން ރުޅިއަރުވާލެވުމުން އޭނަ އަށް މަޖާވަނީ އެވެ. އެ ކަން ވިސްނޭތީ، ރުޅިނާންނަން ކިހާ ހިތްވަރެއް ކުރާކަން ވެސް އިހުސާސްކުރެވޭނީ އަހަންނަށެވެ. ކެތްތެރިކަމަކީ، ވަކި ހައްދަކަށް ދެއްވާފައިވާ އެއްޗެކެވެ. ކޮންމެ ދުވަހަކު، ކޮންމެ ފަހަރަކު އެއް އަނގައެއްތަޅުވަން ޖެހުނީމައި ރުޅިނައިސް ހުރެވޭ ހެއްޔެވެ؟
ފިރިމީހާ ހެނދުނު އޮފީހަށް ދާގޮތަށް ގެ އަށް އަންނާނީ ހަވީރު އެވެ. ސަނާގެ ވަނަވަރު ފިރިމީހާއަކަށް ނުފެނެއެވެ. ސަނާ ވެސް ބޯބޮޑެވެ. ބައްޕަ ގެ އަށް އައުމުން ސަނާ އަށް ވުރެ ބަސްއަހާ ކުއްޖެއް މާލެއަކު ނޫޅޭނެ އެވެ. ގެ އަކީ، އަހަރެން ދެކޭގޮތުގައި ކުޑަ ގައުމެކެވެ. ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓަމުން، ގަޑިންގަޑި އަށް ކައްކާފައި، ގިނަ ދުވަސްދުވަހު އަހަންނަށް ފެންވަރާލެވޭނީ އިރުއޮއްސޭ ފަހުންނެވެ. ސަނާގެ ހުރިހާ ސަކަރާތެއް ބަލަން އަހަންނަކަށް ވަގުތު ބޭކާރެއް ނުކުރެވޭނެ އެވެ.
ނިންދަވަން އެނދުގައި ބާއްވާފައި، ކައިރީގައި އޮށޯތުމުން ވަރަށް ލޯބިން އަހަރެންގެ ގައިގަ ސަނާ ބައްދާލާނެ އެވެ. އެ ވަގުތު އަހަރެންގެ ހިތް، މައިވަންތަ ލޯބިން ފުރިގެން ބަންޑުންވެ އެވެ. އޭނަ ނިދާނީ އަހަރެންގެ ނާނާ އަޑުއަހަމުންނެވެ. އޭނަގެ ކުޑަކުޑަ އަތުން އަހަރެންގެ މޫނުގައި ފިރުމާނެ އެވެ.
"މަންމާ!" އަހަރެން ކުޑަކޮށް ނުރުހިފައި އޮންނަހެން ހީވަންޏާ، ވަރަށް ރާގުލާފައި ސަނާ ގޮވާލާނެ އެވެ.
އެ ވަގުތު އަހަރެންގެ ހިތް ހިލަގަނޑަކަށް ހަދައިގެން އޮތް ނަމަވެސް، މަޑުވެ ކަފަކޮޅަކަށް ބަދަލުވާނެ އެވެ. ދަރިފުޅުގެ ދުލުން މަންމާއޭ ކިޔާފައި ގޮވާލާ އަޑު އިވުމުން ހިތަށްލިބޭ ފިނިކަން އެނގޭނީ ހަމައެކަނި މަންމައަކަށެވެ.
"ދަރިފުޅު އަޅެ ބަސްއަހާ ކުއްޖަކަށް ވެބަލަ!" އަހަރެން ބުނަމެވެ.
"ސަނާ ދެން ބަސްއަހާނަމޭ މަންމާ!" އޭނަ ބުނާނެ އެވެ.
ޖެހިގެން އަންނަ ދުވަހު، ސްކޫލުން ގެ އަށް އަންނައިރު ވެސް، ކްލާހުގައި ހަދަން ހަވާލުކުރާ މަސައްކަތުގެ ތެރެއިން އެއް ކަމެއް ވެސް ފުރިހަމައެއް ނުކުރާނެ އެވެ. ހަދަން ހުންނަ ހޯމްވޯކު އެއީ ވަކި މަސައްކަތެކެވެ. ކައިރީގައި އިނދެގެން ކަރުން ހަމެއް ދާއިރު ވެސް، އެންމެ އަކުރެއް ވެސް، ގިނަ ފަހަރަކު ނާޅާނެ އެވެ. އޭނަ ބޭނުންވާނީ، އަހަރެން އެ މަސައްކަތްތައް ކުރާށެވެ. އެއީ ނުވާނެ ކަމެކެވެ. ސަނާ ސްކޫލަށް ފޮނުވަނީ އަހަންނަށް ކިޔަވައިދޭކަށް ނޫނެވެ. އެހެން މަންމައިން، އެ މީހުންގެ ދަރިންނަށްޓަކައި މާބޮޑު ކަމެއް ނުކޮށްދޭއިރު ވެސް، އެ ކުދިން ހާދަހާ ބަސްއަހައޭ އަހަރެންގެ ހިތަށްއަރަ އެވެ. އަހަރެންގެ ދަރިފުޅު ބަސްނާހަނީ އަހަރެން މާވަރަކުން އުޅޭތީ އެވެ. އެ ކަން އެނގުނަސް، ދަރިފުޅަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް ނުކޮށްދީ ހުންނާކަށް އަހަންނަކަށް ނުކެރެއެވެ. ހިތަކަށް ކެތެއްނުވެ އެވެ. ވަރަށް ގިނަ އެއްޗެހި ހިތަށްއަރައެވެ. އެހާ ބަސްނާހާ ކުއްޖެއް އަހަންނަށް ލިބުނީ ކީއްވެގެންހެއްޔެވެ؟ އޭނަ ގެންގުޅުމުގައި އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟
އާދައިގެން ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ގަޑިޖެހޭތީ، ސަނާ އަތުގައި ހިފައިގެން، ތަންކޮޅެއް ބާރަށް އަހަރެން ހިނގީމެވެ. ސަނާ އަށް އެ ކަންތައް ވަރަށް މަޖާވި އެވެ. ހުއްޓާނުލައި ހެމުންގެންދިޔަ އެވެ. ކިތަންމެ ރުޅިއައިސްފައި އަހަރެން ހުއްޓަސް، އެ ހިނިތުންވުން އަޑުއިވުމުން، ހިތުގެ އަޑިން އަހަރެން ވަރަށް އުފާވި އެވެ. އެއީ ސަނާ އަށް ލިބޭ ހިތްވަރަކަށް ވެދާނެތީ، ބޭރުފުށުން އެ ކަން ނުދެއްކީ އެވެ. އަހަރެން ހުރީ ހިތްހަމަނުޖެހޭ ކަމަށް ހެދިގެންނެވެ.
ކުއްލިއަކަށް އަހަރެންގެ އަތުން ސަނާގެ އަތް ދެމިގެންދިޔަ އެވެ. ވިއްސައިގެން ގޮސް، ގާ އަތުރާފައިވާ ތަޅުގަނޑުމަތިން ކެހެމުން ގޮސް، މަގުގެ އަނެއް ފަރާތު ޕޭމަންޓުގެ އަރިމަތީގައި އޭނަ ޖެހުނެވެ. ވީ ކީއްކަން އަހަންނަށް އެނގުނީ ދެނެވެ. ފަހަތުން އައި ކާރެއްގައި އޭނަ ޖެހުނީ އެވެ. އަހަރެން ހުރީ ހިނގައިގަންނަން ނޭނގިފަ އެވެ. އެހާ ކުއްލި ގޮތަކަށް އެ ކަން ވީމަ އެވެ.
ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް، ސަނާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. މުޅި ޔުނީފޯމު އޮތީ ލެއިން ތަތްތެޅިފަ އެވެ. ފަރުވާކުޑަކޮށް ދުއްވާފައި އައި ކާރަކުން ޖެހިފައި އަހަރެންގެ ދަރިފުޅު، ވަގުތުން މަރުވީ އެވެ. އޭނަގެ ހަށިގަނޑުގެ އެތައް ތަނަކުން ކަފައިގެންގޮސްފައިވެ އެވެ. އެއް ސުކުންތުގައި ދަރިފުޅުގެ ހުނުމުގެ އަޑު އިވިފައި، އަނެއް ސުކުންތުގައި ދާއިމަށް އެ އަޑު ކެނޑުނީ އެވެ. ޑޮކްޓަރު ބުނިގޮތުގައި، ހޮސްޕިޓަލަށް ގެނައިރު އޭނަ އޮތީ ނިޔާވެފަ އެވެ.
އެ ދުވަސް ވެސް ނިމިގެންދިޔައީ އެވެ. ސިކުންތަކަށް ނަމަވެސް އަހަރެންގެ ލޮލުން ކަރުނައެއް ނުހިކެއެވެ. ޖެހިގެންއައި ދުވަހެވެ. ހެނދުނު ހޭލާފައި، ކަރުން ހަންދާ ވަރަށް ގޮވާނެ ދަރިފުޅެއް ނެތެވެ. ތަންމަތި އޮތީ ފަޅުވެފަ އެވެ. ފެންވެރުވުމަށްޓަކައި، ގަދަކަމުން ގައިގަ ފެންފޮދެއް ޖައްސަން އުޅޭކަށް މިއަދަކު ނުޖެހޭނޭ ހިތަށްއެރި އެވެ. ދަތްއުނގުޅުވުމުގެ އުނދަގޫ ވެސް މިއަދު އުފުލާކަށް ނުޖެހޭނެ އެވެ. ރޮށިކޮޅު އަނގަ އަށް ނުލައިގެން އަހަރެންގެ ކެތްތެރިކަން ކޮޅުންލާކަށް ވެސް ނުޖެހޭނެ މެއެވެ. ސަނާގެ ސްކޫލުގެ ފިލާވަޅުތަކާއި ހޯމްވޯކު ހަދުވަން ބޭކާރުކުރި ކުރި ވަގުތު، އެހެންކަމެއްގައި ހޭދަކުރަން ލިބުނީ އެވެ. ކޮންކަމެއްގަ ހެއްޔެވެ؟ އަޑުންއަޑުނަގާފައި ރުއިމުގަ އެވެ. ﷲ ގެ ހަސްރަތަށް ދުޢާ ދެންނެވުމުގަ އެވެ. މި އަޅާ އަށް ކެތްތެރިކަން ދެއްވާނދެއެވެ.
ސަނާގެ ޔުނީފޯމުތައް އަލަމާރީގައި ހުއްޓެވެ. ކުޑަމިނުން ހިރަފުސްކޮޅެއް ވެސް ދެނެއް އެއަކު ނުޖެހޭނެ އެވެ. އެކަމަކު، މިއަދު އެ ކަމާ އަހަރެން އުފަލެއް ނުވެ އެވެ. ޔުނީފޯމު ކޮންމެ ދުވަހަކު ކިލާގުޅައަކަށް ހަދާލަން ވިޔަސް އަހަރެންގެ ދަރިފުޅު އެނބުރި އަންނާނެ ނަމަ އެވެ. ކޮންމެ ދިމާއަކަށް އަހަރެން އެނބުރިލިޔަސް ފެންނަނީ ސަނާގެ ސޫރަ އެވެ. އޭނަގެ ހިނިތުންވުމެވެ. ސަމާސަ އެވެ. ރޮށިކޮޅު ނުކާން އޭނަ ބޮޑާހާކަން އަހަރެން ބޭނުމެވެ. މަންމާއޭ ކިޔާފައި ގޮވާލަން ވެސް ބޭނުމެވެ. މިއަދު އަހަންނަށް ވިސްނެ އެވެ. ކުޑަކުދިން ސިޔާސަވެގެން ކުރާ ކުދިކުދި ކަންތައްތަކަކީ އެ ކުދިން ކުރާ ޖެއްސުމެއް ނޫނެވެ. އަހަރެން ރުޅިއަރުވައިގެން އެ ކުޑަ ދަރިފުޅަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ޖެއްސުންކުރުމަކީ، އެ ކުދިންގެ ޅަ ސިކުނޑިތަކަށް ވިސްނޭ އެއްޗެއް ނޫނެވެ. ކުޑަކުދިން ބަސްނާހައިގެން އެއީ ބޮލުގައިރިހުމަކަށް ވާއިރު، އެ ކުއްޖާ ނެތިއްޖެ ނަމަ ދެން ކުރެވޭނެ އިހުސާސް ވިސްނައެއް ނުލެވެ އެވެ. ތުއްތު ދަރިފުޅު، ލޯމަތިން އުމުރަށް ގެއްލުމުން ހިތަށާއި ގެ އަށް ވެރިވާނެ ފަޅުކަން އަންދާޒާއެއް ނުކުރެވެއެވެ. ކޮންމެ ރެއަކު، ނިދަން އޮންނައިރު އަހަރެންގެ ނާނާ ދެން އަޑުއަހާނީ ކާކު ހެއްޔެވެ؟ އަހަރެންގެ މޫނުގައި ލޯބިން ފިރުމި ކުޑަކުޑަ ދެ އަތްތިލައިގެ ފިނިކަން، ދެން ހޯދާނީ ކިހިނެއް ހެއްޔެވެ؟ ދަރިންނަކީ ތިމާ އަށް ލިބޭ ނިޢުމަތެކެވެ. ނިއުމަތަށް ޝުކުރުވެރިވާށެވެ. އެއްވެސް ޚަރަކާތެއް ނުކޮށް، ހުރިހާ ކުދިން ގޮނޑީގައި އިށީނދެގެން ތިއްބަކަސް ގެއަކަށް ދިރުމެއް ނާންނާނެ އެވެ. ކަންފަތަށް އިއްވާލަދޭ ހިތްގައިމު މިޔުޒިކަކީ، ދަރިންގެ އަޑެވެ. އެ ކުދިންގެ ހުނުމެވެ. ސަކަރާތްޖެހުމެވެ. ކުދިން ބޮޑުވަމުންއަންނައިރު ޖަހާ ސަކަރާތާއި ކުރާ ސަމާސަ އަކީ، ހުރިހާ މައިންބަފައިންނަށް ބަލާލުމުގެ ނަސީބު ލިބޭ މަންޒަރެއް ނޫނެވެ. މިއަދު ވިސްނެއެވެ. ވަކިވެގެންދިޔައީ މަގޭ ލޯބިވާ ސަނާ އެވެ. އެކަމަކު، އުމުރަށް ހުއްޓިގެން އެ ދިޔައީ މަގޭ ލޯބި ނާނާ އެވެ.
ނިމުނީ

You Might Also Like

0 comments: