ޞުލަޙަވެރި މުޒާހަރާ

20:26 sondhu 0 Comments


"އަހައްމަދާ ، ހޭލަބަލަ!"
އަހައްމަދަށް ގޮވީ އަހައްމަދުގެ "ބޯއި"އެވެ. އަނގައިގައި ވަރު ނުލާ ކަހަލަ ގޮތަކަށް އެހެން ބުނިއިރު އެއްކަލަ "ލާމު"ގެ   އަޑެއް އަނެއްކާވެސް ނީވެއެވެ.
"މިހާރުގެ ޒުވާނުންދޯ..." ކަންނެތްވެފައި އޮތް އަހައްމަދު ކަންނެތް ގޮތަކަށް ހިތަށް އެރިއެވެ. ދެން ކުއްލިއަކަށް ހިތަށް އެރީ އަހައްމަދުގެ ދުވަސްތައް ވެސް ގުނެމުންދާ ކަމަށާއި އިސާހިތަކު އޭނާގެ އަޖަލު ވެސް ޖެހިދާނެ ކަމެވެ.
"މަޖީދީ މަގު ހުރަސް ކުރަނިކޮށް މިރޭ ވެސް އެއްޗަކުން ޖެހި މަރުވެދާނެ،" އަހައްމަދުގެ ހިތަށް ދެން އެރިއެވެ. އަދި އެކަމާ އިތުރަށް ވިސްނާލިއެވެ.
ދެން ކުއްލިއަކަށް ހަންދާންވީ އެއް ދުވަހަކު މަޖީދީ މަގު ސޮނީ ހާރޑްވެއަރ ކުރިމަތިން ދިމާވި ކަމެކެވެ. އެ ހިސާބުގައި ޒިބްރާ ކްރޮސިން އޮތް އިރު ވެސް އެތަނުން ހުރަސްކުރަން ބޭނުންވެފައި ހުރި މުސްކުޅި ފިރިހެނަކަށް އެކަން ނުކުރެވި ދިހަ ވަރަކަށް މިނެޓް މަޑު ކުރަން ޖެހުނު މަންޒަރެވެ.
އަހައްމަދު ކަހަލަ ޒުވާނަކަށް މާލޭގެ މަގުމަތި ބިރުވެރިވެފައިވާއިރު މުސްކުޅިން އަދި ކިހާ ހަފުސް ވާނެ ނޫންހޭ ހިތަށް އަރާފައި އެ ދުވަހު
އަހައްމަދަށް ވެވުނު ހަމްދަރުދީގެ މަތިން އަލުން ހަނދާންވިއެވެ.
އަދި އެ ހާދިސާ މަތިން ހަނދާންވެފައި ނިންމީ މަޖީދީ މަގުން އެއްޗެއްގައި ޖެހި މަރުވުމަކީ ހަމަ އިސާހިތަކު ހިނގާފާނެ ކަމެއް ކަމަށާއި މާޔަތިލައަށް ޑައިވްއަކަށް ދިއުން ވެސް އެއަށްވުރެ މާ ރައްކާތެރިވާނެ ކަމެވެ.
އަހައްމަދަށް ރޭގައި ވެސް ނިދުނީ ސޯފާގައެވެ. އޭނާ ދެން ލޯ ހުޅުވާލިއެވެ.
ގާތުގައި ކޮޅަށް ބޯއި ހުއްޓެވެ.
އަހައްމަދު ދެން ތެދުވެ، ސޯފާމަތީގައި އިށީނދެލިއެވެ. އަދި އިރުކޮޅަކު މަޑުކޮށްލިއެވެ.

+++
ރީތިވެލައިގެން އޭނާ ނުކުތީ ކަޅު ޖީންސަކާއި ރީނދޫ ޓީޝާޓެއް ލައިގެންނެވެ. ނޭނގެއެވެ، މި ދުވަސްކޮޅު ހަމަ ރީނދޫ ލާހިތްވަނީއެވެ. އެންމެންނަށް ޖެހިގެން އުޅޭ "ރީނދޫ ހުން" އޭނާއަށް ވެސް ޖެހުނީ ކަންނޭނގެއެވެ.
އޭނާ އައިސް ސޯފާގައި އިށީނދެލިއެވެ.
ބޯއި އިނީ ބިޑިއެއް އޮޅާށެވެ.
އޭނާ ދުންފަތްގަނޑު މޮޑެމުން ދިޔައީ، ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުގެ ސީދާ ބިއްލޫރިގަނޑު މަތީގައެވެ. ނަމަވެސް އެއީ އެގެއަށް އަންނަ އަހައްމަދު އެހެން ރައްޓެހިންނާއި ކްލަޔަންޓުން ވެސް އެގޮތަށް ކަންތައް ކުރާތީއެވެ.
ބިއްލޫރިގަނޑުމަތީން ތެޔޮތައް ވަޅިއަކަށް ކަހައިފިއްޔާ ފިސާރި ގިނަ ތެޔޮ ލިބޭނެ ކަމަށާއި ފުލުހުންގެ ފޮރެންސިކް ޓީމުން އެގެއަށް ވައްޓާލައިފިއްޔާ ދުވަސް ދިޔައީކަން، ކުއްލިއަކަށް އަހައްމަދުގެ ހިތަށް އެރިއެވެ.
އޭނާއަށް މިހާރު ކަންތައްތަކާ ފަރުވާ ކުޑަ ކުރެވެނީ ކީއްވެ ބާވައެވެ؟ ކަންތައްތަކާމެދު ސަމާލުކަންދީ، ފަރުވާތެރި ނުވެވެނީ ކީއްވެ ބާވައެވެ؟ އޭނާ ވަރަށް ވިސްނިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އޭނާއަށް އެނގޭހާ ވެސް ކަމަކީ ސަރުކާރު ބަދަލުވީ ފަހުން އޭނާގެ މޫޑު ވެސް މުޅިން ބަަދަލު ވެއްޖެ ކަމެވެ. މިހާރު އަބަދު ހުންނަނީ، އޭނާގެ ރައްޓެހިން ބުނާ ގޮތުން ނަމަ، އަބަދުމެ "ޑައުން"ވެފައެވެ.
ދެން އަހައްމަދު ކަޅި އެއްލީ ރޭ އޭނާ ގަތް "މިނިވަން ޑެއިލީ" ނޫހަށެވެ. އާއެނކެވެ، މި ނޫސް އަލުން ނުކުންނަން ފެށީއެވެ.
"އެކަމު މާ ލަސްވެއްޖެ،" އަހައްމަދު ބާރަށް ބުނެލިއެވެ.
"ކީކޭ؟" ބޯއި އެއްސެވެ.
"މިބުނީ އެމްޑީޕީއަށް މާފަހުންނޭ ވިސްނުނީ މައުލޫމާތު ފެތުރުންމަތީ ދެމިތިބުމުގެ މުހިންމުކަން،" އަހައްމަދު ބުނެލިއެވެ.
ދެން އަހައްމަދު ދިޔައީ ސިއްސައިގެންނެވެ. ފެނުނު ސުރުހީއަކުންނެވެ: "ގައުމީ ސަލާން ކިޔުން އާ ދީނީ ސަރުކާރުން މަނާކޮށްފި"
"ޕިސް ޕިސް" އަހައްމަދަށް ބުނެވުނެވެ.
"ކިހިނެތްވީ؟" ބޯއި އެއްސެވެ.
ނަމަވެސް އަހައްމަދު އެވަގުތު ޖަވާބެއް ނުދިނެވެ.
ބިޑި އޮޅައި ނިންމައިގެން ބޯއި އެ ރޯކޮށްލިއެވެ. ދެން، ދެތިން ޕަފެއް އެޅުމަށް ފަހު އަހައްމަދަށް ދިއްކޮށްލިއެވެ.
އަހައްމަދު ދެތިން ޕަފެއް އަޅައިލިއެވެ.
"މިއުޒަކީ ހަރާން އެއްޗެކޯ އަދާލަތު ޕާޓީ ބުންޏޯ،" ބޯއި ކުރިން ކުރި ސުވާލަށް އަހައްމަދު ދެން ޖަވާބު ދިނެވެ.
"ދެން ކީކޭ ބުނާނީ ދޯ،" ދެކޮޅަށް ބޯހޫރާލަމުން ބޯއި ބުނެލިއެވެ. އޭނާގެ އޮންނަނީ ދިގު، ބުޅި އިސްތަށިގަނޑެކެވެ.
ފުއްޕާމެއަށް ވެރިވަމުން ދިޔަ ތެލުގެ ދުންތަކުން އަރާމުވަމުން ދިޔަ ވަގުތު އަހައްމަދަށް ކުއްލިއަކަށް ބޯއިއާމެދު ހަމުދަރުދީ ވެވުނެވެ. ހަމްދަރުުދީ ވުމަކީ އޭނާ ހައި ވާ ވަގުތު ވަަރަށް ގިނައިން ކުރެވޭ އިހުސާސެކެވެ.
އޭނާގެ ހަނދާނަށް އައީ ބޯއިއާ ދިމާވި ގޮތެވެ.
އަހައްމަދު އަޑު އަހާފައިވާ ގޮތުގައި ބޯއި އަކީ އޭނާގެ މަންމަ އާއި ބައްޕަ އޭނާ ބޭނުން ނެތިގެން ދޫކޮށްލި ރާއްޖެތެރޭ ކުއްޖެކެވެ. މާލޭގެ އެތައް މިތަނުގައި ނިދަމުން ދަނިކޮށް އަހައްމަދުގެ އެހެން ބޯއިއަކަށް ފެނިގެން އަހައްމަދުގެ ގާތަށް ގެނެސް، އަހައްމަދުގެ ރައްޓެއްސެއްގެ ގެއިން ހިޔާވަހިކަން ދިން ކުއްޖެކެވެ.
އަހައްމަދު ބިޑި ބޯއި އަށް އަލުން ޕާސްކޮށްލިއެވެ.
ބޯއިއާމެދު ކިތައްމެ ހަމުދަރުދީވި ނަމަވެސް ބޯއިގެ އަސްލު ނަން އަހައްމަދަކަށް ނޭނގެއެވެ. ވާނީ އެހެންނެވެ. އަހައްމަދު މިއުޅޭ ވިޔަފާރީގައި ރަނގަޅު ވާނީ އެއްވެސް މީހެއްގެ ހަގީގީ ނަން އަނެކަކަށް ނޭނގުނިއްޔާއެވެ. އެއްމެ ސަބަބަކަށް ނޫނެވެ. ކަޓަރުއެޅުމުގެ ކުޅި ވެސް މިއޮތީ ފެށިފާވިއްޔާއެވެ.
"މަށަށް ނުވިސްނެނީ ހަ ކުޅި ކުރިއަށް ކުޅެފައިވާނެ ކަމަށް ބުނާއިރު ރައީސް އައްޔައަށް ސަރުކާރު ގެއްލުނީ ކީއްވެކަން،" ބޯއި އޭނާގެ ޅަ ސިޔާސީ އިހުސާސްތައް ހިއްސާކޮށްލިއެވެ.
"މަ ނަމަ ހަދާނެ ގޮތަކީ ރާޖަޕަކްސަ ހެދިހެން މަގޭ ކޮއްކޮ ޑިފެންސް މިނިސްޓަރަކަށް ލާފައި، މަށެއް ދުވަހަކު ވެސް ނުވަންނާނަން އަސްކަރީ ހެޑްކުއާރޓާސްގެ އެތެރެއަކަށް،" އަހައްމަދު ބުނެލިއެވެ. "މަ ނަމަ ރައީސް ޒަކީގެ ހުރިހާ އެންމެންވެސް ގަނެލައިގެން ވެރިކަން ކުރާނީ. ނާސިރު ވެސް ހެދިހެން!"
"އާނހ،" ޕަފެއް އަޅާލަމުން ބޯއި ބުނެލިއެވެ. އަދި ބިޑި އަހައްމަދަށް ޕާސްކޮށްލިއެވެ.
ނަމަވެސް ބޯއިއަކީ އަދި މާ ޒުވާން ބެޗެކެވެ. އެކުދިން ބޮޑުވީ ރައީސް ޒަކީ ނޫން މީހަކު ނުދެކިއެވެ. އެހެންކަމުން ބޯއިއަކަށް މާކުރީގެ ހާދިސާތަކެއް ނޭނގެއެވެ. ބޯއި ބޮޑަށް ފޮލޯ ކުރީ އީވާން ނަސީމްގެ މަރުގެ ފަހުން ހިނގި ކަންތައްތަކެވެ. އޭގެ ކުރިއަކީ މާ ޝައުގުވެރި ހާދިސާތަކެއް ނުހިނގާ އިރެއް ކަމަށް ބޯއި ދެކުނެވެ.
އަހައްމަދު ބިޑި ދެތިން ފަހަރު ދަމާލިއެވެ. ދެން ބޯއި ގާތުގައި އެއްސެވެ: "ކީއްވެ މިހާ ހެދުނަކާ ތިޔައީ؟"
"މިއަދު މީ މަޖިލިސް ހުޅުވާ ދުވަހެއްނު،" ބޯއި ބުނެލިއެވެ.
"ސޯ؟" އަހައްމަދު އިނގިރޭސިއަށް ބަދަލުކޮށްލިއެވެ.
"ޑަކޭ ބުނީ ޕީސްއެއް ވައްޓާލަދީބަލާށޯ،" ބޯއި ބުންޏެވެ.
"ޑަކޭ ޑިއުޓީގަތަ؟" އަހައްމަދު އެހިއެވެ. ޑަކޭ އުޅެނީ ސްޓާރ ފޯރސްގައެވެ.
ދެން ބޯއިގެ މޫނުމައްޗަށް ވެރިވީ ނުބައި ހިނިތުންވުމެކެވެ. "އޭނާ ހުރީ މަޖިލިސް ކުރިމަތީގަ އެމްޑީޕީގެ އަންހެނުންތައް ކޮންޓްރޯލް ކުރަން!"
"ދެން މި ގަޑީގަ... ؟" އަހައްމަދުގެ ހިތުގައި ސުވާލު އުފެދުނެވެ. ފަހަރެއްގައި ޑަކޭގެ ޑިއުޓީ ބަދަލުވަނީ ނޫނީ ޑިއުޓީ ނިމުނީ ކަންނޭނގެއޭ ދެން ހިތަށް އެރިއެވެ.
+++
ބޮސް މަރާލުމަށް ފަހު އަޅިކެނޑިއަށް ބަޓު ވައްޓާލަމުން "ކޮބާ ހިނގާ" އޭ އަހައްމަދު ބުނެލިއެވެ. ދެން ދެ މީހުން ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ.
މަޑު ހިނގުމެއްގައި ދެމީހުންނަށް އެންމެ ފަހުން އަލިކިލެގެފާނުމަގާ ހިސާބަށް އާދެވުނެވެ. ނަމަވެސް އެ މަގު އޮތީ ފިތިބާރުވެފައެވެ.
ދެން ދެ މީހުން މިސްރާބު ޖެހީ އޮލިމްޕަސް ގޯޅިއަށެވެ. ނަމަވެސް އެތަނުން ވެސް ވަދެވޭކަށް ނެތެވެ.
އަދި ހަދީބީ މަގު ވެސް އެ ހާލެވެ.
"ހިނގާ ސޯސަން މަގަށް ސީދާ،" ބޯއި ދެން ބުނެލިއެވެ.
އާނއެކޭ ބުނެލުމުގެ ގޮތުން އަހައްމަދު ބޯ ޖަހައިލިއެވެ. އަދި ދެމީހުން ސޯސަން މަގާ ދިމާއަށް ހިނގައިގަތެވެ.
ސޯސަން މަގަށް ވަންއިރު، މެދެއްހާ ހިސާބަށް މީހުން އޮތެވެ. ގިނައީ ބިޓުންނެވެ، އަހައްމަދުގެ ހިތަށްއެރިއެވެ. އޭނާއަށް މިލްފުންނަކީ އަބަދުވެސް މާކަމުދާ ބައެކެވެ. ތަޖުރިބާ ގިނަވެފައި މިހެންވެ އެޓިޓިއުޑް ސަޅިވީމައެވެ.
މީހުންތަކުގެ ތެރެއިން ފީނަމުން ދެމީހުން ކުރިއަށް ދިޔައެވެ.
މުޒާހަރާގެ އެންމެ ފުރަތަމަ ސަފާ ހިސާބަށް ދެވުނުއިރު، އަސްތާ، ފެނުނީ މާ މަޖާ މަންޒަރެކެވެ.
އެއްވެސް ކަހަލަ ހަމަ ނުޖެހުމެއް ނެތެވެ. މުޒާހަރާ ކުރަމުން ދިޔަ އެކި އުމުރުގެ އަންހެނުން ދިޔައީ ލަވަ ކިޔަމުން، ނަށަމުންނެވެ.
"މިއީ މުޒާހަރާ ކުރުމުގެ އާ ވައްތަރެއް ކަންނޭނގެ،" އަހައްމަދު ބޯއިއަށް ބުނެލިއެވެ. "ޑރ. ހަސަން ސައީދު ދިރާސާއެއް ކުރާނެ ކަންނޭނގެ،" އޭނާ އިތުރުކޮށްލިއެވެ.
ސްޓާރ ފޯރސް ރަޔަޓް ގިއަރުގައި ހެވިފައި ތިއްބެވެ. އަދި އެތަނުން އެކަކު އޭނާ ކަމުން ދިޔަ ޗޮކްލެޓް ފާޑުގެ އެއްޗެއް، މުޒާހަރާގައި ހުރި އަންހެނަކަށް ދިއްކޮށްލުމުން އެ އަންހެން މީހާ ވެސް އޭތި ކާލި ތަން ފެނުނެވެ. އެމްޑީޕީން ބުނިހެން ވަރަށް "ޕީސްފުލް" ނުވަތަ ސުލްހަވެރި މުޒާހަރާއެކެވެ.
ސްޓާރ ފޯރސް ގޮލައަކާއި މުޒާހަރާ ކުރާ ބިޓެއް ޗޮކްލެޓް ޝެއާ ކުރި ތަން ފެނިފައި އަހައްމަދަށް އައިޑިއާއެއް އަތުވެއްޖެއެވެ. ޑަކޭއަށް ޕީސް ޕާސް ކުރާނެ ގޮތާމެދުއެވެ.
އޭނާ ދެން އެހެން އަންހެނުންތައް ފަދައިން ޑަކޭއާ ވާހަކަ އަޅުވާލިއެވެ. އަދި ސަލާންކޮށްލާ ކަމަށް ހަދާފައިވާ ދެމީހުންގެ ދެއަތްތިލަ ޖެހުނު ވަގުތު ޕީސް ޕާސްކޮށްލިއެވެ.
ޑަކޭއާ މެދު އަހައްމަދު ވިސްނާލިއެވެ. ސަބަބަކީ މީގެ ފަނަރަ ވަަރަކަށް އަހަރު ކުރިން ތެޔޮ ބޮނީ މަދު ބަޔަކަސް، މިއަދު މުޅި މުޖުތަމައުގެ ކުދިބޮޑު އެންމެން ވެސް ތެޔޮބޯތީއެވެ. ފުރާވަރަށް އެޅޭއިރު އޮންނަނީ އެކަން ފެށިފައެވެ. ރައްޓެހިންނާއެކު މަޖަލަށެވެ. ނޫނީ ސްޓްރެސް ފިލުވަންށެވެ. ނޫނީ ފޫހިވާތީ ކުރާނެ ކަމެއް ނެތިގެން ވައިވެގެންނެވެ.
ދެން، ބޯއިއަށް ލޮލުން އިޝާރާތް ކޮށްލަމުން، މުޒާހަރާ ތެރެއިން ނުކުންނަން ދެމީހުން ހިނގައިގަތެވެ. އަނެއްކާވެސް އެންމެންގަނޑުގެ ތެރެއިން ފީނަން ފެށިއެވެ.
"ކޮބާ ކޮބާ، މަގޭ ވޯޓު؟ ކޮބާ ކޮބާ، މަގޭ ވޯޓު؟" އަހައްމަދުގެ ފަހަތުން އިވެމުންދިޔައެވެ. އެ ގުގުމުގައި މިއުޒިކެއް ވާކަން، ހައިވެފައިވާ އަހައްމަދަށް އިހުސާސް ކުރެވުނެވެ.
އެއީ އަނެއްކާ ހަރާން އަޑެއް ނޫންބާ، އޭނާގެ ހިތަށް އެރިއެވެ

You Might Also Like

0 comments: