މަންތަރު

23:47 sondhu 0 Comments

މިލަ ހަނދުވަރެއް ދީފައިވާ ރެއެކެވެ. ދޮވުނު އަންނައުނުތައް ހިފައިގެން އަހަރެން އެރީ ޓެރަސްއަށެވެ. އެއީ، ގޭގެ ދިހަ ވަނަ ބުރި އެވެ. އަހަރެންގެ އެޕާޓުމަންޓު ހުންނަނީ ނުވަ ވަނަ ބުރީގަ އެވެ. ހިއްކަން އަޅަން ހުންނަ އެއްޗެހި ގިނަކަމުން، އެ ވަށިގަނޑު އުފުއްލައިދޭނީ އަހަރެންގެ ފިރިމީހާ އެވެ. އެ ރޭ ވެސް ކަންތައް ވީ އެހެންނެވެ. ޓެރަސް އަށް އެރުމަށް ފަހު، އަހަރެން ވަނީ ހިޔާކޮށްފައި އޮންނަ ބަޔަށެވެ. ފިރިމީހާ ދިޔައީ އުނދޯއްޔަށެވެ. އުނދޯލި ހުންނަނީ ހިޔާ ނުކޮށް ހުރި ބައިގަ އެވެ. އަހަރެން އެއްޗެހި ހިއްކަން އަޅާއިރު، އެހެންޏާ ވެސް އޭނަ އުނދޯލީގައި އިނދެ އެވެ.
"ހިއްކަން އަޅާ ހަރެއް އަނެއްކާ ވެސް ގަންނަންވީ،" ހަރު ހުޅުވާލަމުން އަހަރެން ބުނީމެވެ. "މި އިން މިހާރު ދަބަރު ހިލިއްޖެ. ހުދު ގަމީހެއް ހިއްކަން އަޅަން މަ ބިރު ވެސް ގަނޭ."
"ހިނގާ މި ރޭ ނުކުންނަމާ!" ފިރިމީހާގެ އަޑު އިވުނެވެ.
އަހަރުމެން ދެ މީހުން ފިޔަވައި އެހެން މީހަކު، އެ ވަގުތަކު ޓެރަސްއަކު ނެތެވެ. ގައިމު ވެސް އަހަރެންގެ ލޮލަށް ފެންނަ ހިސާބަކު ނެތެވެ. އަހަރެންގެ ސުވާލަށް ޖަވާބު ދޭން ހުންނާނީ އަހަރެންގެ ފިރިމީހާ އެވެ. އޭނަގެ އަޑު އަހަންނަށް އިވެއެވެ. ވީއިރު، ފިރިމީހާ އަށް ކޮންމެ ފަހަރަކު ހަތަރު ކަޅި ހަމަކުރާކަށް އަހަރެންގެ ހިތަކަށް ނާރަ އެވެ.
"މި ރެއަކު ނުދެވޭނެ!" އަހަރެން ބުނީމެވެ. "ދެން ގޮސް ހަމަ ތަންޑާ ވާނީ."
"އެހެންވިއްޔާ މާދަމާ ދާނީ،" އަޑު އައި ގޮތުން ހީވީ، އުނދޯލިން ތެދުވެގެން ފިރިމީހާ ހިނގައިގަތް ހެންނެވެ. "މި ރޭ ހާދަހާ ހިތްގައިމު ރޯޅި އެބަ ޖެހެއޭ."
ޓެރަސްގައި ވަރަށް ބައިވަރު ގަސް ހައްދާފައި ހުރެއެވެ. އޭގެތެރޭގައި އަސުރުމަލާއި، އިރުދޭމަލާއި، ފިނިފެންމަލާއި، ކަނީރުމަލާއި އަދި ހުވަނދުމާ ވެސް ހިމެނެއެވެ. އެހެންނަމަވެސް، ފިރިމީހާ އަކީ އެ ގަސްތަކުގެ ތެރެއަށް ވަދެއުޅޭ މީހެއް ނޫނެވެ. ފަހަރެއްގައި، ދުވާލު، ހާލަކުން ފަހަރަކު ވަދެދާނެ އެވެ. ރޭގަނޑަކު ނުވަންނާނެ އެވެ.
"މި ހުވަނދުމާ ގަހުގަ ހާދަހާ މަލެއް އޮވެއޭ ދޯ؟" ފިރިމީހާގެ އަޑު އިވުނެވެ.
ގަސްތަކު ތެރެއަށް ފިރިމީހާ ނުވަންނާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުން އޭނަ ކޮބައިތޯ ބަލައިލީމެވެ. އުނދޯލި ހެއްލިހެއްލި ހުއްޓެވެ. ފިރިމީހާ ފެންނާކަށް ނެތެވެ. ހިޔާކުރި ބައިގަ ހުންނައިރު، ގަސްތައް ހެދިފައި އޮންނަ ދެކުނު ފަރާތެއް ނުފެންނާނެ އެވެ. އެ ފަރާތް ފެންނާނީ ހިޔާކުރި ބައިން ނުކުތީމަ އެވެ. ކުއްލިއަކަށް އަލިގަނޑެއް އެރި ތަން ފެނުނެވެ. އަހަރެން ހީކުރީ، ގަހުގެ މަލަކަށް ފޯނުން އަލިކޮށްލީކަމަށެވެ. އޭނަ ގެންގުޅޭ ފޯނުގެ އަލި ވަރަށް ގަދަ ވާނެ އެވެ. އެ ފަހަރު ވެސް ހިތަށްއެރި އެވެ. ގަޑިން ބާރަ ޖަހަނީ އެވެ. އެ ގަޑީގައި ގަސްތަކަށް އަލިކުރުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ އިނދެގެން އުޅޭތާ ބާވީސް އަހަރު ވީ އެވެ. ކުރިން އަހަރުމެން އުޅުނީ ބިންމަތީގަ އެވެ. އޭރު ވެސް ގޭގައި ވަރަށް ގަސް ގިނަވާނެ އެވެ. އެކަމަކު، ދުވަހަކު ވެސް، ރޭގަނޑު ގަސްތަކުގެ ތެރެއަށް އޭނަ ވަދެގެން އުޅެނިކޮށެއް ނުދެކެމެވެ.
"ކީއްކުރަން ގަސްތަކުގެ ތެރެއަށް މި ގަޑީގަ ވަދެގެން ތި އުޅެނީ؟" އަހަރެން އެހީމެވެ. "މޮޔަ ނުވެގެންތަ ތި އުޅެނީ؟"
ފިރިމީހާ ޖަވާބެއް ނުދިނެވެ. ދޭނީ ވެސް ކޮން ޖަވާބެއް ހެއްޔެވެ؟ ކުޑަމިނުން ދެއްކޭނެ ބަހަނާއެއް ވެސް ނޯންނާނެ އެވެ. ހަރުގައި ހުރަހަށް އަޅާފައިވާ ދަގަނޑުކޮޅެއް ބިންދައިގެން ދިޔައީ އެ ވަގުތު އެވެ. އެ ދަގަނޑުގައި އަޅާފައި އޮތް ހުދު ގަމީސް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.
"ދެން އަޅެ!!" އަހަންނަށް ބުނެވުނެވެ. "އަނެއްކާ ދޮންނަންވީ! ބަލާ އުހުނ މިއޮއް ވީ ގޮތެއް."
ފިރިމީހާ ފެނޭތޯ އަހަރެން ބަލައިލީމެވެ. ކުރިން ދިއްލުނު އަލިގަނޑެއް ނެތެވެ. ދެ ފަހަރަކު ގަމީސް ފޮޅާލީމެވެ. ދުރުގައި ބޭއްވީމެވެ. ދެން ހުރި ހުރިހާ އަންނައުނުތައް ހިއްކަންއަޅައި ނިންމާލުމަށް ފަހު، އުނދޯއްޔާ ދިމާ އަށް ހިނގައިގަތީމެވެ. ފިރިމީހާ ފެންނާކަށް ނެތެވެ. ގަސްތަކުތެރޭގައި ފުޅާ ތަނބެއް ހުރެ އެވެ. އަހަރެންގެ ފިރިމީހާ ސައިޒުގެ ދެ މީހުންނަށް އެ ތަނބުގެ ނިވަލުގައި ފިލާ ތިބެވޭނެ އެވެ.
"ދެން ގަސްތަކު ތެރެއިން ނުކުންނަން އުޅޭ!" އުނދޯލީގައި އިށީންނަމުން އަހަރެން ބުނީމެވެ.
ވިދާލިހެން ހީވެގެން އަހަރެން މަތި ބަލައިލީ އެ ވަގުތު އެވެ. ޓެރަސްގައި އިންނައިރު، ގިނިހިލަ ދަތުރު ކުރާތަން ވަރަށް ގިނައިން ފެނެއެވެ. އެ ރޭ މަތި ބަލައިލި ވަގުތު، ގިނިހިލައެއް ގެއްލުނު ތަން ފެނުނެވެ. އެއީ، އާދަޔާ ޚިލާފަށް އަލި ގަދަ ގިނިހިލައެކެވެ. ދެން މަތި ބަލަން އިނދެ އިނދެ އެހެން ގިނިހިލައެއް ނުފެނުނެވެ. ގަސްތަކުގެ ތެރެއިން ފިރިމީހާއެއް ވެސް ނައެވެ.
"އާދެބަލަ މި ތަނުގަ އިށީނދެލަން،" އަހަރެން ބުނީމެވެ. "ކީއްތަ ތި ކުރަނީ؟"
ފިރިމީހާގެ އެއްވެސް ލިސާނެއް ނުވި އެވެ. އަހަރެން ހީކުރީ، އަހަރެން ބިރުގަންނަވާލަން އޭނަ ނުނިކުމެ ހުރީކަމަށެވެ. އޭނަ އަކީ ސަމާސާ މިޒާޖުގެ މީހެކެވެ. ތަނބާ ދިމާ އަށް ބަލަން އަހަރެން އިނީމެވެ. އެ ދިމާ ގަސްތައް ހެލިލިހެން ވެސް ހީވި އެވެ. ތެދަށް ބުނާ ނަމަ، ކުޑަކޮށް އަހަރެން ބިރުގަތެވެ. ހިތަށްއެރި އެވެ. ފިރިމީހާގެ މަޤްޞަދަކީ އެއީ އެވެ. ވީމާ، ބިރުގަތް ކަމަކަށް ނުހެދޭނަމެވެ.
"ހޫނ ދެން އަހަރެން ވަރަށް ބިރުގެންފިއޭ!" އަހަރެން ބުނީމެވެ. "ދެން ނުކުމޭ!"
ފިރިމީހާއެއް ނުނުކުތެވެ. ކުއްލިއަކަށް މަތިން އެއްޗެއް ވެއްޓުނެވެ. އަހަރެން އިން އުނދޯއްޔާ ވަރަށް ކައިރިއަށެވެ. އިވުނު އަޑުން ހީވީ ފައިވާނެއް ހެންނެވެ. އެހެންނަމަވެސް، އެއީ ފައިވާނަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ފޯނުން އަލިކޮށްލާފައި ބަލައިލިއިރު އެއީ ފިރިމީހާ އަރައިގެން ހުރި ފައިވާނުގެ އެއް ކިބަ އެވެ. އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެންދިޔަ އެވެ. ގަސްތަކު ތެރޭގައި ހުރެފައި އެއްލި ނަމަވެސް، އެ ގޮތަށް ދިމާ މަތިން، އެހާ ބާރަށް ފައިވާނެއް ނުވެއްޓޭނެ އެވެ.
"ދެން އިއްސޭ!" ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ. "މަޖައެއް ނޫން އިނގޭ! ހަމަ މިހާރު ނުކުންނަންވީ!"
ފިރިމީހާއެއް ނުނުކުތެވެ. އަހަރެން ފޯނުން އަލިކުރަމުން ގޮސް ތަނބުގެ ބިއްދޮށް ބަލައިލީމެވެ. އެކަކު ވެސް ނެތެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ބިރުން ގޮސް އަހަންނަށް ރޮވެން ފެށި އެވެ. ދެ ވަނަ ފަހަރަށް ފިރިމީހާގެ ފައިވާނަށް އަލިކޮށްލީމެވެ. ފައިވާނުގައި ހުރި ލޭގެ ނިޝާން ފެނުނީ އެ ފަހަރު އެވެ. އަހަރެން ހަޅޭއްލަވައިގެންފައި ސިޑިން ފޭބީމެވެ.
"މަންމާ! މަންމާ!" އަޑުގެ ކޮޅަށް އަހަރެން ގޮވީމެވެ.
ގޭގެ އެންމެން ޓެރަސް އަށް އެރި އެވެ. ވަށައިގެން ހުރި ގެތަކުގެ ފުރާޅުތަކާއި، ބިންމަތި ވެސް ބެލި އެވެ. ބައްތިތައް ހިފައިގެން އަލިކުރިއިރު، ކުރިން އަހަރެން އަޅައިނުގަތް އެއްޗެއް ފެނުނެވެ. އެއީ، ޓެރަސްގެ ތަޅުންގަނޑު މަތީގައި ހުރި، ނުފޮޅޭ ހުވަނދުމާތަކެކެވެ. އޭގެ ސިއްރެއް ނޭނގުނެވެ. ކިތަންމެ ފަހަރަކު ފިރިމީހާގެ ނަންބަރަށް ގުޅީމެވެ. ފޯނު ރިންގު ވެއެވެ. އެންމެ ފަހުން ކެނޑެނީ އެވެ. ކޮޓަރިއަކު ފޯނެއް ނެތެވެ. ފޯނު ވީ އޭނަ އަތުގަ އެވެ. އޭނަ ވީ ކޮންތާކު ހެއްޔެވެ؟
ފުލުހުންނަށް ގުޅުމުން އެ މީހުން އައެވެ. އެހެންނަމަވެސް، އެ މީހުން ވެސް ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އެކި ކަހަލަ ސުވާލުތައް އެ މީހުން ކުރި އެވެ. ފިރިމީހާ އުޅެނީ ހިތްހަމަޖެހިގެންތޯ އާއި އަހަރުމެން ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހުނުތޯ އެހި އެވެ. އެ ކަހަލަ އެއްވެސް ކަމެއް ނުވެއެވެ. ވީ ނަމަ ވެސް، ފިރިމީހާ ގެއްލެންވީ ކީއްވެގެން ހެއްޔެވެ؟ އެންމެ ހެއްވާ ކަމަކީ، ފިރިމީހާގެ ފޯނު ރިންގު ވެފައި ޖަވާބެއް ނުދޭތީ އެވެ.
އަޖައިބުން ފުރިގެންވީ ގޮތަކަށް ފިރިމީހާ ގެއްލުނު ޚަބަރު ރަށުތެރެ އަށް ފެތުރުނެވެ. ޚަބަރުތަކުގެ ފަލަ ސުރުޚީ އަށް އެ ޚަބަރު އެރި އެވެ. ފިރިމީހާގެ އެކުވެރިން އަހަންނަށް ގުޅި އެވެ. އޭގެތެރެއިން ހާނިމް އައިސް އަހަންނާ ބައްދަލުކުރި އެވެ. ހާނިމަކީ ފިރިމީހާގެ ބެސްޓު ފްރެންޑެވެ.
"އޭނަ އެންމެ ފަހުން އެ ކަން ކުރީ ދޯ؟" ހާނިމް އެހި އެވެ. "މަ އޭރު ވެސް ބުނީމޭ އެއީ ވަރަށް ޑޭންޖަރު ކަމެކޭ."
"އޭނަ ކޮން ކަމެއް ކުރީ؟" އަހަރެން އެހުމުން ހާނިމް ޖަވާބެއް ނުދިނެވެ. "ހާނިމް! ކޮން ކަމެއްހޭ އޭނަ ކުރީ؟"
"މަ ހިއެއް ނުކުރަން އޭނަ.." ހާނިމް ބުންޏެވެ. "މަގޭ ރައްޓެއްސެއްގެ އަތުގަ އޮތް ފަންޑިތަ ފޮތެއް. އޭގަ އޮތީ، ވަކި ރެއެއް ވަންދެން، ކޮންމެ ރެއަކު ވަކި ވަރަކަށް ހުވަނދުމާ ބަހައްޓައިގެން، ވަކި ވަރެއް ހަމަވަންދެން ތަރި ގުނާށޭ. އޭރުން ޖިންނިއެއްގެ އެހީތެރިކަން ލިބޭނޭ. ފޮތުގަ ކަނޑައެޅިގެން އޮތް، އަދަދު ބަރާބަރަށް ދިމާކުރައްޗޭ! އެހެން ނޫނީ... އެހެން ނޫނީ މީހުންގެ ލޯމައްޗަށް ގެއްލުވާލަފާނޭ. ފޮތުގަ އަދަދުތައް ޖަހާފަ ހުރީ ހިސާބު އަކުރުން. ބައެއް ތަންތަނުން ދެލި ކެނޑިފަ ހުރީ. ކިޔާލަން ދޭށޭ ބުނީމަ ފޮތް ދިނީ. މަ ބުނިން ޓްރައި ނުކުރައްޗޭ!"
ގަބޫލުކުރަން ފަސޭހައެއް ނޫނެވެ. އެހެންނަމަވެސް، އެ ރޭ އަހަރެން ކޮޓަރީގައި އިންދާ، އަމިއްލަ އަށް ދޮރު ހުޅުވުނެވެ. ދޮރުމަތީގައި، ފިރިމީހާގެ ހިޔަނި ހުއްޓާ އަހަރެންގެ ދެ ލޮލުން ދުށީމެވެ. އޭގެ ފަހުން އެ ހިޔަނި ވެސް ގެއްލުނީ އެވެ. ފިރިމީހާގެ ފޯނަށް ގުޅެއެވެ. ބައެއް ފަހަރު އޮންނަނީ ނިއްވާލާފަ އެވެ. އަނެއްބައި ފަހަރު ރިންގު ވެއެވެ. އަހަރެން ބަރާބަރަށް ލައިން ފީ ދައްކަމެވެ. ކިތަންމެ ފަނޑު ނަމަވެސް، އުންމީދުގެ އެ ހުޅުކޮޅު ނިވޭކަށް އަހަރެން ނޭދެމެވެ. ކޮންމެވެސް ދުވަހަކުން އަހަރެންގެ ކޯލަށް އޭނަ ޖަވާބުދީފާނޭ އަހަރެންގެ ހިތް ބުނެއެވެ.
ނިމުނީ

You Might Also Like

0 comments: