ވިހަ ވި ސަމާސަ

23:45 sondhu 0 Comments


"އަހަރެން ވެސް އޭޝް މަތިން ހާދަހާ ހަނދާންވެއޭ. ވަރަށް ވަރަށް މިސްވޭ!" ޝިފްނީން ބުންޏެވެ.
އެއީ ރޭޑިޔޯގެ އެފްއެމް ޗެނަލުން އަންނަ ޝޯއެކެވެ. ޝޯ ގައި ވާހަކަދައްކާނީ ދެ އަންހެންކުދިންނެވެ. އެއް ކުއްޖަކަށް ކިޔަނީ ޝިފްނީން އެވެ. އަނެއް ކުއްޖަކަށް ކިޔަނީ އަމްސޫދާ އެވެ. ދެ ކުދިންނަކީ ވެސް ފުރާވަރުގެ ދެކުދިންނެވެ. ދިރިއުޅުމަކީ ކޮބައިކަމެއް، ދުލުން ބޭރުވާ ކޮންމެ ބަހަކީ ކިހާ ސީރިޔަސް ވާންޖެހޭ އެއްޗެއް ކަމެއް އެ ކުދިންނަކަށް ނޭނގެ އެވެ. އެ ކުދިންގެ މަގުސަދަކީ ޝޯ އަށް އެހުންތެރިންގެ ބޮޑު ތަރުޙީބެއް ހޯދުމެވެ. އެ ސްޓޭޝަންގެ އެ ޝޯ "ނަންބަރު ވަން" އަށް އެރުވުމެވެ. އެ ކަމަށްޓަކައި، ޤާނޫނާއި ޤަވާޢިދު ހުއްދަކުރާ ހުރިހާ އެއްޗެއް އެ ކުދިން ކިޔަ އެވެ. އެއީ، ހަމައެކަނި ދުލުކުރިން ބުނެލާ އެއްޗަކަށް ވިޔަސް، ވާހަކަދައްކާ ރާގުން އެހެނެއް ހިއެއްނުވެ އެވެ. ގަސްތުގައި އެ ކުދިން އެހެން ހަދަނީ އެވެ. އެއީ ހުންނަންޖެހޭ ހުނަރެކެވެ.
"ތިހެން ބުނާނެ އެންމެންނަށް ވެސް. ޝިފޫ އަށް އެނގޭތަ އަހަރެން؟" ނާއިފް އެހި އެވެ.
"ދެން އޭޝް ނޭނގޭނީ ކާކަށް؟ ތީ މިހާރު މުޅި މާލެ އަށް މަޝްހޫރު މީހެއްނު." ޝޯ ގައި ޝިފްނީން ބުންޏެވެ.
"އެންމެރަނގަޅު. މާދަމާ އަކީ އަހަރެންގެ އުފަންދުވަސް. ޝިފޫ ޖެހޭނެ އަންނަން." ނާއިފް އެދުނެވެ. "އަމްސޫދާ ވެސް ގޮވައިގެން އާދޭ. އޭރުން އެކަންޏެއް ނުވާނެއްނު.."
"އެހެންނޫނަސް އޭޝް ހުރިއްޔާ އަހަރެން އެކަންޏެއް ނުވާނެއްނު." ހީގެންފައި ޝިފްނީން ބުންޏެވެ.
ނާއިފް އަކީ އާންމުކޮށް އެ ޝޯ އަށް، ކޮންމެ ދުވަހަކު ގުޅާ ކުއްޖެކެވެ. އެހެންނަމަވެސް، ޝިފްނީން އާއި އަމްސޫދާ އަކަށް ނާއިފެއް ނޭނގެ އެވެ. ނާއިފުގެ އަސްލު ނަމެއް ވެސް އެ ކުދިންނަކަށް ނޭނގެ އެވެ. ހޯދާކަށް ނުވެސް އުޅެ އެވެ. ޝޯ ނިމުމުން، ޝޯ އަށް ގުޅި ހުރިހާ މީހުންގެ ނަންތައް ވެސް ހިތުން ފުހެވެއެވެ. އަދި، ދިރިއުޅުމުގެ އެހެން ކަންތަކާއިގެން މަސްއޫލުވާންޖެހެ އެވެ. ޝިފްނީންގެ ލޯބިވެރިއެއް ހުރެއެވެ. އެ ކަން ނާއިފަށް އެނގެ އެވެ. އެކަމަކު، ނާއިފު ހީކުރީ ޝިފްނީންގެ ހިތް މަޑުމަޑުން ނާއިފަށް ދީލެނީ ކަމަށެވެ. ފޯނުގެ އެހީގައި ޝިފްނީންގެ ލޯބި ނާއިފަށް ހޯދުނީ ކަމަށެވެ. ޝިފްނީން އެ ކަން ނުވެސް ދެނަހުއްޓެވެ. ކުށްހީގެ ގަދަ އޮއިވަރެއްގައި ނާއިފު ޖެހި، ބެހެމުން ގޮސް، އަލުން ނާދެވޭހާ ދުރަށް އޭނަ އަށް ވަނީ ދެވިފަ އެވެ.
ނާއިފުގެ އުމުރުން ދެން ފުރޭނީ އަށާރަ އަހަރެވެ. ނާއިފު އަކީ ކުޑަކުއްޖެކެވެ. ޝިފްނީން ހީކުރީ ނާއިފަކީ ބޮޑުމީހެއް ކަމަށެވެ. އަޑު ބަރުކަމުންނެވެ. ދައްކާ ވާހަކަތައް ހަރުދަނާކަމުންނެވެ. ރޭޑިޔޯ އަކީ އެ ކަހަލަ އެއްޗެކެވެ. އެކަކަށް އަނެކަކެއް ނުފެންނާނެ އެވެ. އެހެންނަމަވެސް، މީހުން ޝައުގުވެރި ކުރުވުމަށްޓަކައި، އޯގާތެރިކަމާއެކު މަޖާކޮށް ވާހަކަދެއްކުމަކީ، ޝޯ ހުށައަޅާ މީހުންގެ ޚާއްޞަ ފަންނެކެވެ. އެއީ ޒާތީކަމެއް ނޫނެވެ. ނާއިފަކަށް އެ ކަމެއް ނޭނގެ އެވެ.
އުފަންދުވަހުގެ ދަޢުވަތު ނާއިފު ފޮނުވީ ޝިފްނީންގެ ފޯނަށެވެ. އެ ވަގުތު، ކައިރީގައި އަމްސޫދާ ވެސް އިނެވެ. އެ ދެ ކުދިން އެ ކަމާ ހީހީފައި އުޅުނެވެ. ނާއިފު ދަޢުވަތު ފޮނުވާފައި އޮތް ދުވަހަކީ، އެއްވެސް ކަމެއް ނެތިފައި ޝިފްނީން ގޭގައި އިން ދުވަހެކެވެ. އެހެންނަމަވެސް، އެ ނާއިފުގެ ޕާޓީ އަށް ދިޔުމުގެ އެއްވެސް ޝައުގުވެރިކަމެއް ޝިފްނީންގެ ނެތެވެ. ޝިފްނީން ދެކޭގޮތުގައި، ޝޯގައި ދައްކާ ވާހަކަ އަކީ، ސީރިޔަސްކޮށް އެއްވެސް މީހަކަށް ބުނާ އެއްޗެއް ނޫނެވެ. ބައެއް މީހުން އެ ވާހަކަތަކަށް ކިހާ ސީރިޔަސް ވެދާނެ ކަމެއް ޝިފްނީން ނުދެނަހުއްޓެވެ. ޝިފްނީން ވިސްނާފައި އޮތީ، ދެން ޝޯ ހުށައަޅާ ދުވަހު، ބިޒީވެގެން ނާއިފުގެ އުފަންދުވަހު ނުދެވުނީ ކަމުގައި ބުނެފައި މާފަށް އެދޭށެވެ. އޭރުން ހުރިހާ ކަމެއް އެ ނިމުނީކަމުގައި ޝިފްނީން ހީކުރި އެވެ.
އެއްގަޑިއިރު ކުރިން ރެސްޓޯރަންޓަށް އައިސް، ޝިފްނީންގެ އިންތިޒާރުގައި އިން ނާއިފުގެ އުންމީދަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެ އެވެ. ނާއިފުގެ ހިތް ބުންޏެވެ. ޝިފްނީން އަންނާނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް ފޮނުވި ދަޢުވަތުގެ ޖަވާބު ނައި ނަމަވެސް، ޝިފްނީން އަންނާނެކަން ނާއިފަށް ޔަގީނެވެ.
ދިރިއުޅުމުގައި ތަފާތު މިޒާޖެއް ހުންނަ ނާއިފު އަކީ، ކުރާ ކޮންމެ ކަމެއް ވަރަށް ގަޔާވެގެން ކުރާ ކުއްޖެކެވެ. އެއްޗެއް ރީތި ވިޔަސް އެ ކަމުގައި ހައްދު ފަހަނައަޅައިދެ އެވެ. ލަވައެއް ރީތިވެއްޖެއްޔާ، ރިޕީޓަށް ލައިގެން އެއް މަސްދުވަހު ވެސް އޭނަ އެ ލަވަ ޖަހާފާނެ އެވެ. ކުލައެއް ރީތިވެއްޖެއްޔާ، އެ ކުލަ ނޫން އެހެން ކުލައެއްގައި ހުންނަ އެއްޗެއް އޭނައަކަށް ކަމަކުނުދެ އެވެ. ސެންޓަކުން މީރުވަސް ދުވައިފިއްޔާ، އެ ވައްތަރުގެ ތިން ފުޅި ސެންޓު އަބަދު ވެސް ބަހައްޓައެވެ. ލޯބީގައި ވެސް އެ ކަން އޮތީ އެހެންނެވެ. ޝިފްނީން އަކީ، ނާއިފަށް ރީތިވި ފުރަތަމަ ކުއްޖާ އެވެ. ފަހު ކުއްޖާ ކަމުގައި ވެސް ނާއިފު ހަދަން ބޭނުންވަނީ ޝިފްނީން އެވެ. ނާއިފުގެ ދެވަނަ ނަމަކީ އިންތިހާ އެވެ.
ގަޑިޖެހުނުއިރު ވެސް ޝިފްނީން ރެސްޓޯރަންޓަކަށް ނައެވެ. ހަނދާންނެތުނީ ކަމަށް ހީކޮށް ނާއިފު ފޯނުން ގުޅާލި އެވެ. އެއީ "އޭޝް" ކަން އެނގޭތީ ޝިފްނީން ފޯނުން ޖަވާބެއް ނުދިނެވެ. ނާއިފް އެސްއެމްއެސް ކުރި އެވެ. ޝަކުވާ ކޮށްފައެއް ނޫނެވެ. "ރިމައިންޑާ" ޖަހާފަ އެވެ. ދެން ވެސް ޖަވާބެއް ނައެވެ.
އެކަނިމާއެކަނި އިނދެގެން އުފަންދުވަސް ފާހަގަކުރުމަށް ފަހު، ނާއިފު އެ ތަނުން ނުކުމެގެން ދިޔައީ ވަރަށް ހިތްހަމަނުޖެހި ހުރެގެންނެވެ. އެ ދުވަހުގެ ފަހުން ނާއިފުގެ އެއްވެސް ޚަބަރެއް ޝިފްނީނަކަށް ނުވެ އެވެ.
ޖެހިގެން އައި ދުވަހު، ނާއިފު ނުގުޅާތީވެ ނާއިފުމަތިން ޝިފްނީން ހަނދާނެއްނުވެ އެވެ. އެހެންނަމަވެސް، ޝޯ ނިމުނުފަހުން ހަނދާންވި އެވެ.
"އެ ފަކީރަށް ވީ ކިހިނެއްބާ؟" ޝިފްނީން ހެމުންހެމުން އެހި އެވެ.
"އެ ވާނީ ހާޓްއެޓޭކެއް ޖެހުނީ ކަމަށް. ޝިފޫ ހާދަ ގޯހޭ. އަޅެ އެ އިންވިޓޭޝަން ގަބޫލުކޮށްފަ ކީއްވެ ނުދިޔައީ؟" އަމްސޫދާ އެހި އެވެ. "އަހަންނަށް ހީވަނީ އޭނަ ވަރަށް ސީރިޔަސްހެން."
"ފޯނުން ގުޅާ އެންމެންދެކެ އަހަރެން ލޯބިވާން ވެއްޖިއްޔާ ކޮބާ ސަލާމަތަކީ؟" ފަރުވާކުޑަ ރާގެއްގައި ޝިފްނީން ބުންޏެވެ. "އަހަރެންގެ ނުލާހިކު ސީރިޔަސް ބިޓެއް ހުރެއޭ. ޔޫ އޯލްސޯ ނޯ ދެޓް. ގުޅާ މީހުން ވެސް ނުވާނެ އެހާ ސީރިޔަސްއެއް. އިޓްސް ޖަސްޓު ފަން."
ނާއިފަށް ހާޓްއެޓޭކެއް ނުޖެހެއެވެ. އަދި ނާއިފްގެ ނަޒަރުގައި އެއީ "ޖަސްޓު ފަން" އެއް ނޫނެވެ. ސަބަބެއް އޮވެގެން ޝިފްނީން ނައި ނަމަ، އަދި އެ ސަބަބު ނާއިފު ގާތުގައި ބުނި ނަމަ، އެއީ މައްސަލައަކަށް ނުވީހެވެ. އެހެންނަމަވެސް ޝިފްނީން ދިނީ ލަނޑެކެވެ. ލޯބިވެއޭ ކިޔާފައި ނާއިފު ހެއްދީ އެވެ. އެހެންނަމަވެސް، ނާއިފު އަކީ، އެހާ ފަސޭހައިން ބަލި ގަބޫލުކުރާ ކުއްޖެއް ނޫނެވެ. އޭނަ ވިސްނީ ދެން ހަދާނެ ގޮތެކެވެ.
ދެ ދުވަސް ފަހުން ނާއިފު އެ ޝޯ ގައި ނަން ނޯޓުކުރި އެވެ. އެ ދުވަހަކީ، ޝިފްނީންގެ ލޯބިވެރިޔާ އާއި ޝިފްނީން މައްސަލައެއް ޖެހިގެން އުޅުނު ދުވަހެކެވެ. ވުމާއެކު، ނާއިފަށް ގުޅާކަށް ޝިފްނީން ބޭނުމެއް ނުވި އެވެ. މޫޑް ނެތީ އެވެ. ގަސްދުގައި ނާއިފަށް ނުގުޅީ ކީއްވެގެންހޭ ނާއިފު އެހި އެވެ. ޝޯ ނިމުމުން އެސްއެމްއެސް މެދުވެރިކޮށެވެ. އޭގެ ޖަވާބެއް ވެސް ޝިފްނީން ނުދެއެވެ. އެކަމަކު، މައްސަލަ ގޯސްވާން ފަށައިފިކަން ޝިފްނީނަށް ވިސްނެންފެށި އެވެ. އެހެންނަމަވެސް، އެ ވާހަކަ މައިންބަފައިން ނުވަތަ ލޯބިވެރިޔާ ގާތުގައި ބުނެފިއްޔާ ޝިފްނީން ޖެހޭނީ އެ ވަޒީފާ ދޫކޮށްލަންކަން ޝިފްނީން އަށް އެނގެ އެވެ. އެންމެފަހުން ހިތަށްއެރި އެވެ. އަޅާނުލާނީ އެވެ. އޭރުން މަޑުމަޑުން އެ ކަން ހުއްޓިދާނެ އެވެ.
ޑިއުޓީ ނިމުމުން ގެ އަށް ދާން ޝިފްނީން ނުކުތެވެ. އެހެންޏާ ޝިފްނީން ބަލާ އަންނަނީ ލޯބިވެރިޔާ އެވެ. ދެ މީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލައެއްގެ ސަބަބުން އެ ރޭ ލޯބިވެރިޔާއެއް ނާދެ އެވެ. ޝިފްނީން ގުޅީ ޓެކްސީއަކަށެވެ. އެ ގޯޅީގައި މާ ގިނައިރު ޓެކްސީއަކަށް މަޑެއްނުކުރެވޭނެ އެވެ. އެހެންވެ، ޝިފްނީން ނުކުމެ ދޮރުމަތީގައި ހުއްޓެވެ. ނަންބަރު ލިބިފައިވާ ޓެކްސީ އަންނަންފެށުމުން ޝިފްނީން ކުޑަކޮށް ބޭރަށް ނުކުތެވެ. ނާއިފު ސައިކަލު ރޭސްކޮށްލަކޮށްލާ އިނީ އެ ދަނޑިވަޅުގެ އިންތިޒާރުގަ އެވެ. ޝިފްނީން ޓެކްސީ އަށް އަރަން ހިނގައިގަތްކަން އޭނަ އަށް އެނގެ އެވެ. ކުއްލިއަކަށް މޫނުމައްޗަށް އެރީ އަލިގަނޑެކެވެ. ގައިގަ އެއްޗެއް ޖެހުނުކަމުގެ އިހުސާސެއް އޭނަ އަކަށް ނުވެއެވެ. އެކަމަކު ޝިފްނީންގެ ލޯ އުމުރަށް މެރުނީ އެވެ. އެންމެން ވެސް ބުނީ އެއީ އެކްސިޑެންޓެއް ކަމުގަ އެވެ. ނާއިފު އެއީ "އޭޝް" ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. އަދި އެ އެކްސިޑެންޓުގެ ޙަޤީޤަތް ވެސް އެ ހިސާބުން ވަޅުޖެހުނީ އެވެ.
--ނިމުނީ--

You Might Also Like

0 comments: